ރާއްޖެ-ފަލަސްޠީން މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު ރައީސް މުޢިއްޒު ބައްލަވައިގެންފި
ހަނގުރާމައިގެ ސަބަބުން ހީނަރުވެފައިވާ ފަލަސްޠީނުގެ ފުޓުބޯޅަ އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެކޮޅަށް އެ ޤައުމުގެ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗުގެ ފުރަތަމަ ސްވެނިއަރ ޕްލެޓިނަމް ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިގެންފިއެވެ.
މި ޓިކެޓަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް، ރައީސްގެ އަރިހުގައި އެމަނިކުފާނާ ހަވާލުކުރެއްވި 1000 ރުފިޔާގެ ޓިކެޓެކެވެ.
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމަށް ރާއްޖޭގައި ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުޞަތު ހުޅުވާލަދެއްވާފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމަކަށެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރެއްވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
Ads by BMLއެފްއޭއެމް އިން ބުނީ މި ޚާއްޞަ ސްވެނިއަރ ޓިކެޓްތައް ވިއްކައިގެން ލިބޭ އެންމެހާ ފައިސާއެއް، އެއްވެސް އުނިކުރުމެއްނެތި ފަލަސްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނާ ހަވާލުކުރާނެ ކަމަށެވެ. ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާ އަށް އަދި ގޯލްޑް ޓިކެޓެއް 500 ރުފިޔާ އަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭ އާއި މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗު ބެލުމަށް ދަނޑުގެ އާންމު ގޮނޑިބަރިތަކަށް ވަނުމަކީ ހިލޭ ކަމެކެވެ. ނަމަވެސް، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ މި މާތް މަސައްކަތުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ދިވެހިން ސްވެނިއަރ ޓިކެޓް ބައްލަވައިގަތުމަށް ސަރުކާރާއި އެފްއޭއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
