އޮޕަރޭޝަން "އަލިމަގު": ހައްޔަރުކުރި 92 މީހުންނަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރިވެރިން: ހޯމް މިނިސްޓަރު
ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމަކަށް، މުޅި ގައުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި "އަލިމަގު" އޮޕަރޭޝަންގައި ހައްޔަރުކުރި 92 މީހުންނަކީ ވެސް، އެއްވެސް އިސްތިސްނާއެއް ނެތި، މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، މިއަދު ފަތިހު 5:30 ގައި ފެށި މި ފުޅާދާއިރާގެ އޮޕަރޭޝަނާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ. ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، މިއަދުގެ މެންދުރާ ހަމައަށް ޖުމްލަ 92 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ، ހައްޔަރުކުރި މީހުންގެ ތެރޭގައި ވިޔަފާރި ނުކުރާ އެކަކުވެސް ނުހިމެނޭ ކަމަށާއި، އެންމެންނަކީ ވެސް މަސްތުވާތަކެތި ޑިސްޓްރިބިއުޓްކޮށް ވިއްކާ މީހުން ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނޭ ކަމަށް މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ. އެގޮތުން ކުދި ވިޔަފާރިވެރިންނާއި، މެދުފަންތީގެ ވިޔަފާރިވެރިންގެ އިތުރުން އެންމެ މަތީ ފެންވަރުގެ ވިޔަފާރިވެރިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މި މީހުންގެ ބައިވެރިވުން އޮތް ވަރު ބަލަމުންދާ ކަމަށާއި، އެ މީހުންގެ ފަރާތުން ލިބޭ މައުލޫމާތުގެ އަލީގައި އިތުރު މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
Ads by BMLފުލުހުން ބުނެފައިވާ ގޮތުގައި، އެއްވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމަށް ރާވާފައިވާ މި އޮޕަރޭޝަނަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީޚެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތެވެ. މި އޮޕަރޭޝަންގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެފައިވާއިރު، އޮޕަރޭޝަން ކުރިއަށްދަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މުޅި ރާއްޖޭގައެވެ.
މިނިސްޓަރު އިހުސާން ވަނީ ޑްރަގް ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ދެން ޑްރަގް ވިޔަފާރި ނުކުރެވޭނެ ކަމަށާއި، އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށެވެ. އަދި ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު އެކަން ހުއްޓާލަން ޖެހޭނެ ކަމަށާއި، ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، މިއަދު ފެށި އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވުމަށް އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެއް ކަމަށާއި، ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ނޫނީ މި މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
Ads by MACL
