ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީ ޖަލްސާއަށް އެތައްސަތޭކަ ބަޔަކު މާލެއަށް، ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ

ޕީއެންސީ ޖަލްސާއަށް އެތައްސަތޭކަ ބަޔަކު މާލެއަށް، ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ

ސަރުކާރު ހިންގާ ޕީއެންސީން މާދަމާ ރޭ ބާއްވާ "ދިވެހީންގެ ރާއްޖެ" ޖަލްސާއަށް އަތޮޅުތަކުގެ ރަށްރަށުން އެތައް ސަތޭކަ ބަޔަކު މާލެއަށް އަތުވެއްޖެ އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ދިވެހިރައްޔިތުންނާ މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މިއަދާއި މިރޭ އަދި މާދަމާވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އަންނާނެ ކަމަށް ޕީއެންސީން މައުލޫމާތުދެ އެވެ.

މާދަމާ ރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނަ މި ޖަލްސާއަކީ މި ފަހުން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބައިބޯ ޖަލްސާއަށް ވާނެ ކަމަށް ލަފާކުރެވެ އެވެ. "މަވެސް ދާނަން" ކެމްޕޭނަކާއެކު މި ޖަލްސާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ޖަލްސާއަށް އަތޮޅުތަކުން އަންނަ މީހުންނަށް މަރުހަބާ ކިޔުމަށް ޕީއެންސީން ވަނީ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. "މަރުހަބާ ޓީމް" ނަމުގައި ބޮޑު ޓީމެއް އެކުލަވާލާފައިވާއިރު، އެ ޓީމުން ގެންދަނީ ޖަލްސާއަށް އަންނަ މީހުންނަށް މަރުހަބާ ކިޔައި، ޕާޓީގެ އިންތިޒާމްތަކުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ.

ލޯންޗުތަކާއި ދޯނިތަކާއި ބޯޓްތަކުގައި ގިނަ އަދަދެއްގެ މީހުން މާލެ އަންނަމުންދާއިރު، ވައިގެ މަގުން ވެސް ގިނަ ބަޔަކު މިހާރުވެސް ވަނީ މާލެ އައިސްފަ އެވެ. ސިޔާސީ ޖަލްސާތަކަށް އާންމުކޮށް މިފަދަ ފުރިހަމަ އިންތިޒާމުތަކެއް ނެތުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް ހުންނަ ކަމުގައިވިޔަސް، ޕީއެންސީން މިފަހަރު ވަނީ އެކަމަށް ހައްލެއް ހޯދައިދީފަ އެވެ.

މާދަމާ ރޭގެ ޖަލްސާއަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ޖަލްސާއަށް ވާނެ ކަމަށް ޕީއެންސީގެ ލީޑާޝިޕުން ވެސް ވަނީ ހާމަކޮށްފަ އެވެ. މި ޖަލްސާ ކުލަގަދަ އަދި ފުރިހަމަ އިންތިޒާމެއްގެ ދަށުން ބޭއްވުމަށް ގިނަ ތައްޔާރީތަކެއް ދަނީ ވަމުންނެވެ.

ޕީއެންސީން ބުނި ގޮތުގައި، މާދަމާރޭގެ ޖަލްސާއިން ފެންނާނީ ރައްޔިތުންގެ ވިންދާއި އިހްސާސްތައް ހުރި ގޮތާއި، ސަރުކާރަށް ރައްޔިތުންގެ އޮތް ތާއީދެވެ.

މާދަމާ ރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ އެމްއެމްޓީވީން ވަގުތުން ގެނެސްދޭނެ އެވެ. އަދި ޖަލްސާއާ ގުޅޭ މައުލޫމާތުތައް މިރެއާއި މާދަމާގެ އެކި ވަގުތުތަކުގައި ގެނެސްދެމުން ގެންދާނެ އެވެ.