ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުރާ ކައުންސިލް ކަޕް 2025: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފޯޓީޓޫ ގާލްސްއިން ހޯދައިފި

ހުރާ ކައުންސިލް ކަޕް 2025: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފޯޓީޓޫ ގާލްސްއިން ހޯދައިފި

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފޯޓީޓޫ ގާލްސްއިން ހޯދައިފިއެވެ.

މިމެޗު އެޓީމުން ކާމިޔާބު ކުރީ ބެލިސިމޯއާއި ވާދަކޮށެވެ. ބެލިސިމޯގެ މުހިންމު 2 ކުޅުންތެރިންނާއި ކުޅުނު މި މެޗު ފޯޓީޓޫއިން ކާމިޔާބު ކުރީ 1-0 ގެ ނަތީއްޖާއަކުންނެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 11 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.