މި ދައުރުގެ ތެރޭގައި ފުލުހުންގެ ހުރިހާ އިމާރާތެއް ނިންމާ ޚިދުމަތްދޭން ފަށާނެ: މިނިސްޓަރ އިޙްސާން
މި ސަރުކާރުގެ ދައުރު ހަމަވުމުގެ ކުރިން، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ހުރިހާ މަރުކަޒެއްގެ މަސައްކަތް ނިންމައި، އެތަންތަނުން ޤައުމީ ސަލާމަތަށް ބޭނުންވާ ފުރިހަމަ ޚިދުމަތްތައް ދޭން ފަށާނެ ކަމުގެ ޔަޤީންކަން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ރ. އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ޚިދުމަތުގެ ހާލަތު އޮތް ގޮތް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، 121 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެމުން ދިޔަ ނަމަވެސް، އޭގެ ތެރެއިން ފުލުހުންގެ އަމިއްލަ، ފުރިހަމަ އިމާރާތެއްގައި ޚިދުމަތް ދެމުންދިޔައީ އެންމެ 17 ރަށުގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ގިނަ ރަށްރަށުގައި ފުލުހުން މަސައްކަތް ކުރަމުން ދިޔައީ އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ނެތް، ދަތި ހާލުގައި ކަމަށާއި، އާއިލާތަކާ ދުރުގައި ތިބެންޖެހޭ ފުލުހުންނަށް ރަނގަޅު ދިރިއުޅުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައި ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by BMLފުލުހުން މިހާތަނަށް ޚިދުމަތް ކޮށްދެމުން އައީ ގިނަ ތަކުލީފުތަކާއި ވޭންތައް ހިތުގައި ފޮރުވައިގެން، ޤައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި ރޫޙުގައި ކަމަށް ވިދާޅުވެ، ވަޒީރު ވަނީ އެމެހެންތަކަށްޓަކައި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ހާލަތު ބަދަލުކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ރަށެއްގައިވެސް ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމުކުރުމަށެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް 95 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، 4 ސަރަޙައްދެއްގައި ފުލުހުންނަށް ޚާއްސަ އެކޮމޮޑޭޝަން ބްލޮކް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އިތުރު 39 ރަށެއްގައި މަރުކަޒު އެޅުމަށް ސޮއިކޮށް، ޢަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
"ދިވެހި ޤައުމަށް ރައްޔިތުންގެ ސަލާމަތްކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަންތައް. ދިވެހި ރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ 24 ގަޑިއިރު ފުލުހުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތިބޭނެކަން،" ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ބަދަލުކުރާ މާޙައުލަކީ ރާއްޖޭގެ "ސަލާމަތީ ލޭންޑްސްކޭޕް" ކަމަށާއި، މި އިމާރާތްތަކުގެ ސަބަބުން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިޙްސާސްވެ، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށެވެ.
Ads by MACL
