ސައޫދީ ސަފީރު, ޔަހްޔާ އަލްޤަހްތާނީ ރާއްޖޭގެ މީޑިއާތަކާ ބައްދަލުކުރައްވައިފި
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ޔަހްޔާ އަލްޤަހްތާނީ ރާއްޖޭގެ މީޑިއާތަކާ ބައްދަލުކުރައްވައިފިއެވެ.
ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޔަހްޔާ ވަނީ، ގިނަ ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ސަޢޫދީއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާއި ޙައްޖާއި ޢުމްރާއާ ގުޅުވައިގެން ސަޢޫދީއިން އެކުލަވާލާފައިވާ ތަޞައްވުރު 2030 އިން ހޯދާފައިވާ ކާމިޔާބީތައް މީޑިއާތަކުގެ މަންދޫބުންނާ ޙިއްސާކުރެއްވިއެވެ.
މީގެއިތުރުން، މަސްޖިދުލް ޙަރާމާއި މަސްޖިދުއްނަބަވީ ބެލެހެއްޓުމާއި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދާ ފަރާތްތަކަށް ބޭނުންވާ ތަފާތު އިންތިޒާމްތައް ހަމަޖެއްސުމަށާއި، ޚިދުމަތްތައް ފަސޭހަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ޔަހްޔާ ވަނީ ޙިއްސާކުރައްވާފައެވެ.
Ads by BMLހަމައެއާއެކު، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމަށް ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ސަޢުދީ އިސްވެ އޮވެ ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ޔަހްޔާ ހިއްސާކުރެއްވިއެވެ.
ހަމައެހެންމެ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޔަހްޔާ ވިދާޅުވީ، އޭގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށާއި މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުން ލިބޭ އެންމެ ބޮޑު ފަސޭހައަކީ ޕާސްޕޯޓު ކޮންޓްރޯލް، ކަސްޓަމްސް، ވިސާ، ހެލްތު ޗެކަޕް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ކުރެވޭނެ މަގު ފަހިވުންކަމަށާއި އަދި އޭގެ ސަބަބުން ސަޢުދީ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވާނެކަމަށެވެ.
ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ރަސްމީކޮށް ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ، 17 މާރިޗު 1981 ގައެވެ. މިއަހަރު މިގުޅުމަށް 44 އަހަރު ފުރިފައިވާއިރު، ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
Ads by MACL
