ހަކުރު ބަލީގެ ދުވަހާގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެލްތު ސްކްރީނިންގ ހަރަކާތްތައް ފަށައިފި
ހަކުރު ބަލީގެ ދުވަހާގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެލްތު ސްކްރީނިންގ ހަރަކާތްތައް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސިއްހީ ޚިދުމަތްދޭ ތަންތަނާއި، މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން، ހަކުރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހެލްތު ސްކްރީނިންގ ހަރަކާތްތަކާއި މައުލޫމާތު ދިނުމުގެ ސެޝަންތައް މިއަދު ފަށައިފައިވާއިރު، މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ހަކުރު ބައްޔާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ބަލި ދެނެގަތުމަށް މަގުފަހިކުރުމެވެ.
މާލެ ސަރަހައްދުގައި ހިމެނޭ ސުކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށް ހަކުރު ބައްޔާ ގުޅޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް އެޗްޕީއޭއިން ވަނީ ރާވާފައެވެ. މީގެ އިތުރުން، އައިޖީއެމްއެޗް ހޮސްޕިޓަލާއި އެޗްޕީއޭ ގުޅިގެން ސޯޝަލް ސެންޓަރުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޚާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންދެވޭނެއެވެ.
Ads by BMLމި އަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝިއާރަކީ "ހަކުރުބަލި – ހަޔާތުގެ އެކި މަރުހަލާގައި" އެވެ. މި ޝިއާރުގެ ދަށުން، އެޗްޕީއޭއިން މަސައްކަތް ކުރަނީ ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި ހަކުރު ބަލި ތަހައްމަލު ކުރާ މީހުންނަށް ބޭނުންވާ ފަރުވާ ހޯދައިދީ، ދުޅަހެޔޮ މާހައުލެއް ބިނާކުރުމަށް މަގުފަހިކުރުމަށެވެ.
ހަކުރު ބައްޔަކީ ލޭގައި ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލައެކެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ކޮންމެ އުމުރެއްގައިވެސް ޖެހިދާނެ ބައްޔެކެވެ. ޢާއިލީ ތާރީޚް، ދުންފަތުގެ އިސްތިޢުމާލު، އަދި މާބަނޑު ދުވަސްވަރު ހަކުރު މަތިވުން ފަދަ ކަންކަމަކީ ބަލި ޖެހުމަށް މަގުފަހިކުރާ ކަންތައްތަކެވެ.
ނަމަވެސް، ހަކުރު ބައްޔަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ސަމާލުކަން ދިނުމުން ރައްކާތެރިވެވިދާނެ ބައްޔެއްކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އެގޮތުން، ދުޅަހެޔޮ ކާނާ ކެއުމާއި، ކަސްރަތު ކުރުމަށް އާދަކުރުމާއި، ކެއުމުގެ ވަގުތުތަކާއި ކާ މިންވަރަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ނުކުރުމާއި، ހަކުރު ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ޓެސްޓު ހެދުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ހަކުރު ބަލި ތަހައްމަލު ކުރާ މީހުންނަށް ބަލި ބޮޑުނުވެ ދިރިއުޅުން ބައްޓަން ކުރަންޖެހޭ ގޮތުގެ ފުރިހަމަ މައުލޫމާތު ލިބުން މުހިންމު ކަމަށެވެ.
Ads by MACL
