ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ ތާރީޚީ ޖަލްސާއަށް މާލެފުރާލައިފި، ނައިބު ރައީސްގެ ހޫނު ޝުކުރެއް ޕީއެންސީ މެންބަރުންނަށް!

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް --
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އޮތް ބޮޑު ތާއީދު ދެއްކުމަށްޓަކައި، ވެރިކަންކުރާ ޕާޓީ ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ ޖަމާވަމުން އަންނައިރު، މިކަމަށްޓަކައި ޕާޓީގެ މެންބަރުންނަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޝުކުރު އަދާކުރައްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒުއަށް އޮތް ލޯތްބާއި ތާއީދު ފާޅުކުރުމަށް ޕާޓީގެ އިލްތިމާސަށް އިޖާބަދީ، ޖަލްސާއަށް ހާޒިރުވާ އެންމެހައި މެންބަރުންނަށް ހޫނު މަރުޙަބާއަކާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޖަލްސާގެ ގޮތުގައި ސިފަކުރެވޭ މި ހަރަކާތަށް ލިބެމުންދާ ތަރުހީބު އުންމީދުތަކަށްވުރެ މާ ބޮޑު ކަމަށް އިންތިޒާމް ކޮމިޓީން ބުނެއެވެ. ޖަލްސާ އިންތިޒާމް ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި، ބައެއް ރަށްރަށުން 150 މީހުން ގެނައުމަށް އަމާޒު ހިފި ނަމަވެސް، 300 އާއި 700 އާ ދެމެދުގެ އަދަދުތަކުން މީހުން ބައިވެރިވާން އެދެމުންދާ ކަމަށެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ޖުމްލަ 18،000 އަށްވުރެ ގިނަ މީހުން މި ޖަލްސާގައި ބައިވެރިވާނެއެވެ.

މި ބޮޑު ހަރަކާތާ ގުޅިގެން މާލެ ސިޓީގެ ޓްރެފިކަށް ވަނީ ވަގުތީ ބަދަލުތަކެއް ގެނެސްފައެވެ. ފުލުހުން ވަނީ ހެންވޭރުގެ ބައެއް މަގުތައް މިއަދު ހަވީރު 5:00 އިން ފެށިގެން ޖަލްސާ ނިމެންދެން އާންމު ޓްރެފިކަށް ބަންދުކޮށްފައެވެ.