ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަރުކާރުގެ ކާމިޔާބީތައް ފާހަގަކުރަން ޕީއެންސީން ބާއްވާ ބޮޑު ޖަލްސާފަށައިފި

އާޓިފިޝަލް ބީޗް ސަރަޙައްދު ވަނީ ފުރާލައިފައި ---
އާޓިފިޝަލް ބީޗް ސަރަޙައްދު ވަނީ ފުރާލައިފައި ---

މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ ބޮޑު ޖަލްސާ ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވާ މި ޖަލްސާގައި، ސަރުކާރުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ރައްޔިތުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާއަށް ތާއީދު ހާމަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން، ހާއްސަކޮށް އުތުރާއި ދެކުނުގެ އަތޮޅުތަކުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މާލެ އައިސްފައެވެ. ޕާޓީގެ ދިދަތަކާއި، ސަރުކާރަށް ތާއީދުކުރާ ޝިއާރުތައް ލިޔެފައިވާ ބެނާތަކުން އާޓިފިޝަލް ބީޗު ސަރަހައްދު ވަނީ ޖަރީކޮށްފައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ސިއްހީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އާސަންދައިގެ ދަށުން އައިވީއެފް އަދި އައިޔޫއައި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމާއި، ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ފަހަރަށް ފެށި ބޯންމެރޯ ޓްރާންސްޕްލާންޓްގެ ކާމިޔާބީ ފާހަގަކުރެއްވި އެވެ. މިހާތަނަށް 19 ކުއްޖަކު މި ފަރުވާއިން ރަނގަޅުވަމުން އަންނައިރު، އިތުރު 10 ކުއްޖަކު ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒުއަކީ ރާއްޖޭގެ އާބާދުވި ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވި ފުރަތަމަ ރައީސްކަން ފާހަގަކުރައްވައި، މިއީ ރައްޔިތުންނާ ގާތުން އޮންނަ ސަރުކާރެއްކަން ހީނާ ވަނީ ތަކުރާރުކުރައްވާފައެވެ. ހީނާގެ އިތުރުން، ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވެސް ވަނީ ސަރުކާރުގެ އެކި ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ޖަލްސާގެ އެންމެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚިތާބަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ކުރީގެ ދެ އަހަރުގެ ކާމިޔާބީތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ހާސިލުކޮށްދެއްވާނެ ކަންކަމާއި ގައުމީ މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން އަލިއަޅުވާލައްވާނެ ކަމަށް ބެލެވެއެވެ.