ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަހްލޫފް ޕީއެންސީއަށް ސޮއިކުރައްވައިފި

މިއީ މަހުލޫފު ސޮއިކުރެއްވި ސިޔާސީ 4 ވަނަ ޕާޓީ ----
މިއީ މަހުލޫފު ސޮއިކުރެއްވި ސިޔާސީ 4 ވަނަ ޕާޓީ ----

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޒުވާނުންނާ ބެހޭ ވަޒީރުކަން ކުރެއްވި އަހުމަދު މަހްލޫފް، މިހާރުގެ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ރަސްމީކޮށް ގުޅިވަޑައިގެންފިއެވެ.

އޭނާ ޕީއެންސީއަށް ސޮއިކޮށްފައި މިވަނީ އެމްޑީޕީން ވަކިވެވަޑައިގަތްތާ ގާތްގަނޑަކަށް ދެ މަސް ފަހުންނެވެ.

ޕީއެންސީން ބޭއްވި "ދިވެހިންގެ ރާއްޖެ" ނަމަކަށް ކިޔާ ބޮޑު ޖަލްސާގައި މަހްލޫފް ވަނީ އެ ޕާޓީއާ ގުޅުމުގެ ފޯމުގައި ސޮއިކުރެއްވުމަށްފަހު، ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ފޯމު ހަވާލުކުރައްވާފައެވެ. މި ޖަލްސާގައި މަހްލޫފުގެ އިތުރުން އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މީގެ ދެ މަސް ކުރިން، މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އޭރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީގައި، 2015 ވަނަ އަހަރުން ފެށިގެން އެ ޕާޓީގައި ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.

ޚާއްސަކޮށް، ރައީސް ސޯލިހުގެ ކެބިނެޓްގެ ބައިވެރިއެއްގެ ގޮތުގައި ތަރައްގީގެ މަސައްކަތްތަކުގައި ބައިވެރިވެވުމަކީ ލިބުނު ފަޚުރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭނާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ މެންބަރުންގެ ކިބައިން މައާފަށް ވެސް އެދިވަޑައިގެންފައިވެއެވެ.