ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލޭގެ 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ އުސޫލު އަންނަ ހަފްތާގައި އިއުލާންކުރަނީ

ރަސްމާލޭގެ 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ އުސޫލު އަންނަ ހަފްތާގައި އިއުލާންކުރަނީ

ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަމުންދާ ގިނަ ބަޔަކަށް އުފާވެރި ޚަބަރެއް ދެއްވަމުން، ރަސްމާލެ މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ އުސޫލު އަންނަ ހަފްތާގައި އިއުލާންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދިވެހިންގެ ރާއްޖެ" ގެ ނަމުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މި ފުރުސަތު މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިގު މުއްދަތެއްގައި ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ހުޅުވާލެވޭނެ ކަމުގެ ހިތްހަމަޖެހުން ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، އަންނަ މަހުގެ ތެރޭގައި އިތުރު ޑްރެޖަރުތައް ގެނެސް، މަސައްކަތުގެ ސްޕީޑް ތިން ގުނަ އަވަސްކުރެވޭނެ ކަމަށެވެ. އެއާއެކު، އަންނަ ފަސް މަސް ދުވަހުގެ ތެރޭގައި 1،100 ހެކްޓަރުގެ ބޮޑު ސަރަހައްދު އެއްކޮށް ހިއްކައި ނިމޭނެ ކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ. މި ސަރަހައްދުގެ ބޮޑުމިން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ލިބޭ މިންވަރަށް ވުރެ ވެސް ދެ ގުނަ ބޮޑު ސަރަހައްދެއް ކަމަށެވެ.

އުސޫލު އިއުލާންކުރުމަށް ފަހު، ގާތްގަނޑަކަށް އެއް މަސް ފަހުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަސްމާލެ ހިއްކައި ނިމޭއިރު، ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، އެ ލިސްޓުތައް އާންމުކުރެވިފައި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ރައީސް މުއިއްޒު ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެއާއި އަތޮޅުތެރޭގެ ބައިބޯ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުކަން ތަކުރާރުކުރައްވާފައެވެ.

މި ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން ހައުސިން މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އަތޮޅުތެރޭގެ 13 ރަށެއްގައި 825 ފްލެޓް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށާއި، އިތުރު 16 ރަށެއްގައި 1،100 ހައުސިން ޔުނިޓް އެޅުމަށް ބަޖެޓްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މާލެ ސިޓީގައި 7،500 ހައުސިން ޔުނިޓް އެޅުމަށް ރާވާފައިވާ ކަމަށާއި، އޭގެ ތެރެއިން 3،000 ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް ނިންމާފައިވާ ފަރާތްތަކަށް އެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމުގެ ވައުދު ފުއްދަވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 'ގެދޮރުވެރިޔާ' ޕްރޮގްރާމުގެ 4،000 ފްލެޓް ނިމެމުންދާ ވަރަކަށް ހައްގުވެރިންނަށް ހަވާލުކުރެވެމުންދާ ކަމަށެވެ. ހަމައެއާއެކު، ހުޅުމާލެއާއި ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކޮށްފައިވާ ކަމަށާއި، ގިރާވަރުފަޅު ހިއްކުމަށް ޑްރެޖަރު މި މަހުގެ 23 ވަނަ ދުވަހު އަންނާނެ ކަމަށާއި، އެތަން ހިއްކާ ނިމުމުން އެ ރަށުން ގޯތި ލިބުނު ފަރާތްތަކަށް ވެސް ގޯތި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ލިސްޓުތަކަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.