ޢަދުލު އިންސާފުގެ ނިޒާމު މިނިވަންކޮށް، ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
މި ސަރުކާރުން ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޕީއެންސީގެ ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރިގެންދާއިރު ޝަރުޢީ ދާއިރާ ހިންގާފައިވަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ވަކި ގޮތަކަށް ޝަރީޢަތް ކުރިޔަށް ގެންދިއުމަށް އިރުޝާދު ދިންކަމަށް އެއްވެސް ފަނޑިޔާރަކަށް ނުބުނެވޭނެއެވެ. އަދި ޑްރަގް ގްރޫޕްތަކުންނާއި ގޭންގުތަކުން ނުވަތަ ސިޔާސީ ފަރާތްތަކުން ކުރިމަތި ކުރުވާ ނުފޫޒަކަށް ފަނޑިޔާރުން ލެނބިގެންނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLޝަރުޢީ ދާއިރާއަށް މިނިވަންކަން ދިނުމުގެ ގޮތުން، ވަކި ބަޖެޓެއް ހަދައިދީ، އެމްއެމްއޭގައި ވަކި އެކައުންޓެއް ހުޅުވައި، މުވައްޒަފުން ނެގުމާއި މަރާމާތުތަކާއި ދަތުރުތައް ފަދަ ހުރިހާ ކަމެއް އަމިއްލައަށް ނިންމުމުގެ މިނިވަންކަން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު ޝަރުޢީ ދާއިރާއަށް ކުރިން ނުދޭހާ ބޮޑު ބަޖެޓެއް ހަމަޖައްސައިދީފައިވާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުމާލޭގައި ހަދައި ނިންމާފައިވާކަމަށާއި، ކުރިން ފުނިޖެހިފައި ހުރި މައްސަލަތައް މިހާރު ފަނޑިޔާރުންގެ ފުރިހަމަ މިނިވަންކަމުގައި ބެލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން އެދިވަޑައިގަތް މިނިވަން ޝަރުޢީ ނިޒާމެއް ޤާއިމުކޮށް، އިންސާފުވެރިކަމާއެކު ޤައުމު ކުރިޔަށް ގެންދެވޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
Ads by MACL
