ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަލަސްތީނާއި ރާއްޖެ މެޗުގެ ސުވެނިއާ ޓިކެޓު އުއްޗު ބައްލަވައިގެންފި

ފަލަސްތީނާއި ރާއްޖެ މެޗުގެ ސުވެނިއާ ޓިކެޓު އުއްޗު ބައްލަވައިގެންފި

ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގެ ސުވެނިއާ ޕްލެޓިނަމް ޓިކެޓް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ބައްލަވައިގެންފި އެވެ. މިފަދަ ހަރަކާތްތަކަކީ ފަލަސްތީނުގެ ފުޓުބޯޅަ އަލުން ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތާރިގާއި ފަލަސްތީނު 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޖުމާ ސުލައިމާން ވަނީ އުއްޗުއާ މި ޓިކެޓް ހަވާލުކޮށްދެއްވާފައެވެ. އެކުވެރިކަމުގެ މި ދެ މެޗަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. ޚާއްސަ ގޮތެއްގައި ބޮޑެތި ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން ވެސް މިކަމަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް އެފްއޭއެމްއިން ބުނެއެވެ.

ފަލަސްތީނާއި ރާއްޖެއާ ދެމެދު ކުޅޭ މި އެކުވެރިކަމުގެ މެޗުތަކަކީ ފަލަސްތީނު ޓީމު ރާއްޖޭގައި ކުރިއަށް ގެންދާ ކޭމްޕްގެ ތެރެއިން ހަމަޖައްސާފައިވާ ދެ މެޗެވެ. އެފްއޭއެމުން ވަނީ މި ދެމެޗަށް ޖުމްލަ 500 ސުވެނިއާ ޓިކެޓް ވިއްކުމަށް ނިންމާފައެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗު ފަލަސްތީނުން ވަނީ 6-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

މި ސުވެނިއާ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަން ނިންމާފައިވަނީ، ޒުރޭލުން ހިންގި ލާއިންސާނީ އުދުވާނާ ގުޅިގެން ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓުބޯޅަ އަލުން ދިރުވައި އާލާކުރުމަށް ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ކުރާ މަސައްކަތަށެވެ.

ސަރުކާރާއި އެފްއޭއެމުންވެސް ވަނީ ފަލަސްތީނުގެ ފުޓުބޯޅައަށް އެހީތެރިވުމުގެ މި ފުރުސަތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އެދިފައެވެ. އެފްއޭއެމުގެ އަމާޒަކީ ޖުމްލަ 500 ޓިކެޓް އެއްކޮށް ވިއްކާ ހުސްކޮށްލުމެވެ. މިރޭ ކުޅޭ ދެވަނަ މެޗުގެ ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށްވެސް ޓިކެޓް ގަނެވޭނެ ފަސޭހަ އިންތިޒާމެއް އެފްއޭއެމުން ވަނީ ހަމަޖައްސާފައެވެ.

ސުވެނިއާ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެފްއޭއެމްގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބާ ނުވަތަ ވަޓްސްއެޕުން މެސެޖުކުރުމަށް އެ އިދާރާއިން އެދެއެވެ.