ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

39 ރަށެއްގެ ނަރުދަމާ ނިމި، އިތުރު 40 ރަށެއްގެ މަސައްކަތް ހަވާލުކޮށްފި

39 ރަށެއްގެ ނަރުދަމާ ނިމި، އިތުރު 40 ރަށެއްގެ މަސައްކަތް ހަވާލުކޮށްފި

މި ސަރުކާރުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގައި ނަރުދަމާ ޤާއިމުކުރުމަށް ކުރިއަށްގެންދިޔަ 79 މަޝްރޫޢުގެ ތެރެއިން 39 ރަށެއްގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން، އަލަށް ނަރުދަމާ ޤާއިމުކުރުމަށް 40 ރަށެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

އެ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި މި ދައުރުގައި އަލަށް ފެށި މަޝްރޫޢުތަކެއް ނޫނެވެ. ކުރީ ސަރުކާރުތަކުން ފަށާފައި އެކި ސަބަބުތަކާހުރެ މަސައްކަތް ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއްވެސް އަލުން ފަށައިގެން ވަނީ ނިންމާފައެވެ. މަސައްކަތް އަވަސްކުރުމުގެ ގޮތުން، ބައެއް މަޝްރޫޢުތައް ކުރީގެ ކޮންޓްރެކްޓަރުންގެ އަތުން ނަގައި، ސަރުކާރުގެ ކުންފުނިތަކުގެ ސަބްސިޑަރީތަކާ ހަވާލުކޮށްގެންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން މިހާރު 146 ރަށަކަށް ނަރުދަމާގެ ޚިދުމަތް ލިބެމުންދެއެވެ. ބާކީ ހުރި ރަށްތަކުގައި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ވަނީ އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.

މިއީ، 2027 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ލާޒިމުކޮށް، ރައްޔިތުންގެ މަޖިލީހުން މި އަހަރު ފާސްކުރި ޤާނޫނާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގެ ހެއްކެކެވެ.