ވައުދު ފުއްދަވައި، މަންދޫ ދަނޑުގައި ރައީސް މުއިއްޒު ފުޓްސަލް މެޗެއް ކުޅުއްވައިފި
އދ. މަންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށު ޒުވާނަކަށް ވެވަޑައިގެންނެވި ވައުދަކާ އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެ ރަށުގައި އަލަށް އެޅި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައި، އެ ދަނޑުގައި ބޭއްވި ފުޓްސަލް މެޗެއްގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މިދިޔަ މަހުގެ 8 ވަނަ ދުވަހު ރައީސް މުއިއްޒު މަންދޫއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ޒުވާނަކު އެދިފައިވަނީ ފުޓްސަލް ދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވައި، ދަނޑު ހުޅުވުމަށްފަހު އެ ޒުވާނުންނާއެކު މެޗެއް ކުޅުއްވައިދެއްވުމަށެވެ. އެދުވަހު ރައީސް ވަނީ އެކަމަށް އިޖާބަދެއްވައި، ޝެޑިއުލުން ފުރުސަތު ލިބިވަޑައިގެންފިނަމަ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ގާތްގަނޑަކަށް 510 މީހުންގެ އާބާދީއެއް އޮންނަ މަންދޫގެ ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. އަމަލީ މަސައްކަތް އެމަހުގެ 25 ގައި ފަށައި، އެމްޓީސީސީން ވަނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ 15 ދުވަސް ކުރިން، ގާތްގަނޑަކަށް 20 ދުވަހުގެ ތެރޭގައި ދަނޑު ތައްޔާރުކޮށް ލައިޓް ހަރުކުރުމުގެ މަސައްކަތްވެސް ނިންމާލާފައެވެ.
Ads by BMLމިކަމާ ގުޅިގެން "ވަގުތަށް" ވާހަކަދައްކަވަމުން މަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށިނަމަވެސް މެދުކެނޑިފައިވާ މަޝްރޫޢެއް ކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ އަރިހުން އެދުމުން މަޝްރޫޢު އަލުން ހިނގުމަކަށް އައިސް، މިއަދު މަންޒަރު ފެނިގެން މިދަނީ ޒުވާނުންގެ އުންމީދުތައް ހަޤީޤަތަކަށް ވެގެން ދިޔަތަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންނާއި ޒުވާނުން ބޭނުންވާ މެސެޖަކީ މިއީ. ކަންކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އެކަން ޢަމަލުން ދެއްކެވުން. އެކަމަށްޓަކައި އަޅުގަނޑު ރައީސަށް ފަށްފަށުން ޝުކުރު ދަންނަވަން،" ސަޢީދު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި، ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ދާއިރާގެ މެމްބަރު ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ދަނޑު ހުޅުވުމަށްފަހު ބޭއްވި އެކުވެރިކަމުގެ މެޗުގައި ރައީސްގެ ޓީމު ވަނީ މަންދޫ ޒުވާނުންގެ ޓީމާ ވާދަކޮށް 8-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
މަންދޫގައި ދިރިއުޅޭ އުމުރުން 39 އަހަރުގެ އިބްރާހިމް ރަޝީދު ބުނީ، ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް ލިބުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި، މި ދަނޑުގެ ސަބަބުން ކުރިއަށް އޮތްތާނގައި ރަށުން ރާއްޖޭގެ ފެންވަރުގެ ކުޅުންތެރިން ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އޭނާ ވަނީ ރައީސް މުއިއްޒަށާއި ދާއިރާގެ މެމްބަރަށް ޝުކުރު އަދާކޮށްފައެވެ.
Ads by MACL
