ރޮނާލްޑޯއަށް ރަތްކާޑު: ވޯލްޑްކަޕުގެ ފުރަތަމަ މެޗު ގެއްލުމުގެ ބިރު!
ޕޯޗުގަލްގެ ކެޕްޓަން އަދި ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް، ވޯލްޑްކަޕް ކޮލިފައިން މެޗެއްގައި ރަތްކާޑު ދެއްކުމާ ގުޅިގެން، އޭނާގެ ގައުމީ ޓީމަށް 2026 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ މެޗުތައް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު (ނޮވެމްބަރު 13) ރިޕަބްލިކް އޮފް އަޔަލޭންޑްއާ ދެކޮޅަށް ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗުގައެވެ. މެޗުގެ ގަޑިއިރެއް ފުރިހަމަވާން ކައިރިވެފައި ވަނިކޮށް، އަޔަލޭންޑްގެ ޑިފެންޑަރު ދާރާ އޯޝީއާގެ ގައިގައި އުޅަބޮށިން ޖެހުމުގެ ސަބަބުން ރޮނާލްޑޯއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މިއީ ގައުމީ ޓީމަށް ކުޅުނު މެޗެއްގައި ރޮނާލްޑޯއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ.
ރަތްކާޑާ ގުޅިގެން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ފަހު ކޮލިފައިން މެޗު ކަމަށްވާ އާރމީނިއާއާ ދެކޮޅަށް އޮންނަ މެޗުން އޮޓޮމެޓިކުން ސަސްޕެންޑްވެފައެވެ. މީގެ އިތުރުން، ފީފާގެ ގަވާއިދުތަކުގައިވާ ގޮތުން ކޮލިފައިން މެޗުތަކުގައި ދެވޭ އަދަބު، ފައިނަލް މުބާރާތަށް ވެސް ދެމިގެންދާނެއެވެ.
Ads by BMLއާންމުކޮށް ރަތްކާޑަކަށް އެއް މެޗުން ސަސްޕެންޑް ކުރި ނަމަވެސް، ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ ޗެޕްޓަރ 2، އާޓިކަލް 14(i) ގައި ބަޔާންކޮށްފައިވާ ގޮތުގައި، "އުޅަބޮށިން ޖެހުން، ތަޅައިގަތުން، ނުވަތަ އިދިކޮޅު ކުޅުންތެރިއަކަށް ހަމަލާދިނުން" ފަދަ ކަންކަމަށް އެންމެ މަދުވެގެން ތިން މެޗުން ސަސްޕެންޑް ކުރެވިދާނެއެވެ.
މިކަމާ ގުޅިގެން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާ ނިންމުމަކަށް ޕޯޗުގަލްގެ ސަޕޯޓަރުންނާއި ކުޅުންތެރިން މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ. ރޮނާލްޑޯއަށް ދެ ނުވަތަ ތިން މެޗުގެ ސަސްޕެންޝަނެއް އަތުވެއްޖެނަމަ، ވޯލްޑްކަޕުގެ ފައިނަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޭނާއަށް ގެއްލިގެންދާނެއެވެ.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ރޮނާލްޑޯއަށް ބޮޑު އަދަބެއް ނުދިނުމަށް ފީފާއަށް ގޮވާލާފައެވެ.
އަޔަލޭންޑްއާ ދެކޮޅަށް ކުޅުނު މިމެޗުން 2-0 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިވެފައިވާއިރު، ޕޯޗުގަލް ވޯލްޑްކަޕަށް ކޮލިފައިވާނެކަން ކަށަވަރުވުމަށްޓަކައި، އާރމީނިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ޖެހެއެވެ. އެހެން ނޫންނަމަ ޕްލޭ-އޮފް މެޗުތަކެއް ކުޅެން ޖެހޭނެއެވެ. ރޮނާލްޑޯގެ ސަސްޕެންޝަންގެ ނަތީޖާ ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
