އަންހެނުންނަށް ފުރިހަމަ ގަދަރާއި އިޙްތިރާމްދޭންޖެހޭ: ފަސްޓް ލޭޑީ
އަންހެނުންނަކީ އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަން ފާހަގަކުރައްވައި، އަންހެނުންނަށް ފުރިހަމަ ގަދަރާއި އިޙްތިރާމް ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ "ރެހެންދި އެވޯޑް" ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރެހެންދި އެވޯޑް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ޙާސިލުކުރެއްވި ފަރާތްތަކަށް ބްރޫޗާއި އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. އަންހެނުންގެ ކުރިއެރުމާއި ބާރުވެރިކުރުވުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވިދާޅުވީ މުސްލިމުން އެންމެ ފުރަތަމަ ހަނދާނަށް ގެންނަންޖެހޭ ކަމަކީ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމު ކަމަށެވެ. އަދި އަންހެނަކަށްވީތީ އެއްވެސް ކަމެއްގައި ނިކަމެތިކަމެއް ނުވަތަ ބޭއިންސާފެއް އިސްލާމްދީނުގައި ލައްވާފައި ނުވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، ހެޔޮ އަމަލުކުރުން ކަމުގައިވިޔަސް ނުވަތަ ނުބައި އަމަލުކުރުން ކަމުގައިވިޔަސް، ޖަޒާ ލިބުމުގައި އޮތީ އަދުލުވެރިކަމެވެ. ހަމައެހެންމެ މުދާ މިލްކުކުރުމާއި ވިޔަފާރިކުރުންފަދަ އެހެނިހެން މުޢާމަލާތްތަކުގައިވެސް އަންހެނަކަށްވީތީ ހުރަސްއެޅޭ ނުވަތަ އުނިވާކަމެއް ނެތެވެ. "އަޅުގަނޑުމެން މުސްލިމުން އިސްލާމްދީން ފުންކޮށް ބަލައި ވިސްނުމުން ކަށަވަރުވަނީ އަންހެނުންނަށް މާތްﷲ އެކަލާނގެ ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމު. ޢަދުލު އިންސާފު، ޢިއްޒަތާއި ގަދަރު." ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
Ads by BMLއަންހެނުންނަކީ އުއްމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަން ފާހަގަކުރައްވާ، ފަސްޓް ލޭޑީ ވިދާޅުވީ، މަންމައިންނަކީ ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ މުދައްރިސްކަމަށާއި، ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ އެހީތެރިޔާކަމަށެވެ. އެހެންކަމުން މަންމައިންގެ ވާޖިބަކީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ މުހިންމުކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
"ކުރުކޮށް ދަންނަވާނަމަ ޤައުމެއް ބިނާކުރުމުގައި ހިނގާ މައިގަނޑު ހުރިހާކަމެއްގައި އެ ޤައުމެއް ބައްޓަންކުރުމުގެ ފުރަތަމަ މޭސްތިރިއަކީ މަންމަ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް މަންމައެއްގެ ވާޖިބު އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ." ފަސްޓް ލޭޑީ ވިދާޅުވިއެވެ. މަންމައަކަށްވުމުގެ އެދުމާއި އުއްމީދުގައި ތިއްބެވި އެންމެހާ ބޭފުޅުންނަށްވެސް ފުރިހަމަ އިޙްސާންތެރިކަމާއި ހެޔޮ ދުޢާ ދެމެހެއްޓުން ވަރަށް މުހިންމު ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ރެހެންދި އެވޯޑަށް އިޝާރާތްކުރައްވާ ސާޖިދާ މުޙައްމަދު ވަނީ މިއީ އަންހެނުންގެ ކިބައިގައި ހުންނަ ހުނަރުވެރިކަމާއި ކުޅަދާނަކަމާއި ހިތްވަރު ރަމްޒުކޮށްދޭ އެވޯޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިއީ އަންހެނުން ކުރާ މަތިވެރި ޚިދުމަތްތަކުގެ އަގު ވަަޒަންކުރުމަށްޓަކައި ދެވޭ އެވޯޑެއްކަން ފާހަގަކުރައްވާ، ރެހެންދި އެވޯޑަކީ އަންހެނުން ބާރުވެރިކޮށް، ހުނަރުވެރިކޮށް ހުރިހާ ދާއިރާއެއްގައި ފުރުޞަތުތައް ތަނަވަސްކޮށްދީ، އަންހެނުންގެ މަޤާމާއި ދަރަޖަ އުފުލައި ދިނުމަށް ދެވޭ އެވޯޑެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޙަފްލާގައި މި އެވޯޑް ޙާސިލުކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
Ads by MACL
