ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ ތަރައްޤީއަށް މުހިންމު ދިރާސާތަކަށް މާލީ އެހީ ދެނީ

ޤައުމީ ތަރައްޤީއަށް މުހިންމު ދިރާސާތަކަށް މާލީ އެހީ ދެނީ

ޤައުމީ ތަރައްޤީއަށް މުހިންމު ހަތަރު ދާއިރާއަކުން ދިރާސާކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 'އިމާޖިން ރިސާޗް ގްރާންޓްސް' (އެން.އާރު.އެފް-އީ.އާރު.ޖީ) އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ގްރާންޓަކީ ނެޝަނަލް ރިސާޗް ފަންޑް (އެން.އާރު.އެފް) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ގްރާންޓް ސްކީމްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ދިރާސާކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރުދީ، ޤައުމީ ފެންވަރުގައި ކުރެވޭ ދިރާސާތަކުގެ ޤާބިލްކަން އިތުރުކުރުން ކަމަށެވެ. އަދި މި ފުރުސަތުގެ ސަބަބުން، އިލްމީ ދިރާސާތަކަށް ބޭނުންވާ މާލީ އެހީ ލިބި، ދިވެހިރާއްޖެއަށް އައު ދިރާސާވެރިންތަކެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ޤަބޫލުކުރެއެވެ.

މި ގްރާންޓްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ، އިވެލުއޭޓްކޮށް، މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ރާއްޖޭގެ ތިން މަތީ ތަޢުލީމުދޭ މުއައްސަސާއަކާއެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައި.ޔޫ.އެމް) އަދި ވިލާ ކޮލެޖެވެ.

މި ގްރާންޓްގެ ދަށުން ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ ތަރައްޤީއަށް މުހިންމުކަމަށް ކަނޑައަޅާފައިވާ ހަތަރު މައިގަނޑު ދާއިރާއަކުން ހުށަހަޅާ ދިރާސާތަކަށެވެ. އެ ދާއިރާތަކަކީ:

  • ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް

  • އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ

  • ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން

  • ގްރީން އެޖެންޑާ

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ތިރީގައިވާ މުއައްސަސާތަކަށް އެ މުއައްސަސާއަކަށް ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ: 31 ޖެނުއަރީ 2026

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ: 7 ޑިސެންބަރު 2025

  • ވިލާ ކޮލެޖް: 30 ޑިސެންބަރު 2025