ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

240 އަށްވުރެ ގިނަ ބައިވެރިންނާއެކު އެމްއެމްއޭ ރިސާޗް ކޮންފަރެންސް ފަށައިފި

240 އަށްވުރެ ގިނަ ބައިވެރިންނާއެކު އެމްއެމްއޭ ރިސާޗް ކޮންފަރެންސް ފަށައިފި

240 އަށްވުރެ ގިނަ ބައިވެރިންނާއެކު އެމްއެމްއޭ ރިސާޗް ކޮންފަރެންސް ފަށައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ރިސާޗް ކޮންފަރެންސް މިއަދު ވިލާ ނޯޓިކާ ޕެރެޑައިޒް އައިލޭންޑް ރިޒޯޓުގައި ފަށައިފައިވާއިރު މި ދެދުވަހުގެ ކޮންފަރެންސަކީ، ތާރީޚުގައި އެންމެ ގިނަ ބައިވެރިން ބައިވެރިވި ފަހަރު ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ނޮވެމްބަރ 16 އިން 17 އަށް ކުރިއަށްދާ މި ކޮންފަރެންސްގައި 240 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު، މި އަދަދަކީ ފާއިތުވި އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު އަދަދެކެވެ. މިއަހަރުގެ ކޮންފަރެންސްގެ ތެރެއިން އެމްއެމްއޭއިން ދެ އިޤްތިޞާދީ އަދި މާލީ ޖާނަލް ވަނީ ތަޢާރަފުކޮށްފައެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތެރެއިން، އެމްއެމްއޭއިން އަލަށް ނެރުނު އިޤްތިޞާދީ އަދި މާލީ މަޖައްލާ، "ދި އައިލޭންޑް އިކޮނޮމިސްޓް" ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނު، އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢުއެވެ. މީގެ އިތުރުން، އެމްއެމްއޭގެ ރިސާޗް ޖާނަލް ކަމަށްވާ "މޯލްޑިވްސް ޖާނަލް އޮފް އިކޮނޮމިކްސް އެންޑް ފައިނޭންސް" ވެސް ވަނީ ލޯންޗުކޮށްފައެވެ. މި ޖާނަލް ލޯންޗުކޮށްދެއްވީ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީގެ ޕްރޮފެސަރ އަދި އެސޯސިއޭޓް ޑީން ޑރ. އާއިޝަތު މުނީޒާއެވެ. އަދި، ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ގެ މުބާރާތްތަކުގެ ފައިނަލަށް ދިޔަ ފަރާތްތަކަށް ވަނަތަކާއި ފައިސާގެ އިނާމު ވެސް މި ކޮންފަރެންސްގައި ވަނީ ހަވާލުކޮށްފައެވެ.

ތަމްވީލް ފިންލެޓް ފެސްޓިވަލް ޕްރޮގްރާމްގައި 140 ބައިވެރިން ބައިވެރިވިއެވެ. މީގެ ތެރެއިން ގިނަ ބައިވެރިންނަކީ ސްކޫލް ދަރިވަރުންނެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، އިޤްތިޞާދީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ.

މި އަހަރުގެ އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި ހުށަހެޅުނު އިލްމީ ދިރާސާ ކަރުދާސްތަކުގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މި ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅާ ފަރާތްތައް ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ދިރާސާވެރިން ހިމެނެއެވެ. މީގެ އިތުރުން، އެމްއެމްއޭއަށް ރިސާޗް ފަންޑުތަކަށް 39 ހުށަހެޅުމާއި، މިއަދު ލޯންޗުކުރި "ދި އައިލޭންޑް އިކޮނޮމިސްޓް" މަޖައްލާއަށް 20 ލިޔުން ލިބިފައިވެއެވެ.

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަކީ 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ.