ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއާ އެމްބިއުލާންސް ޚިދުމަތް ބޭރު ގައުމުތަކަށް ފުޅާކުރަނީ

އެއާ އެމްބިއުލާންސް: ތައިލޭންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަންއާ ހަވާލުކޮށްފި --
އެއާ އެމްބިއުލާންސް: ތައިލޭންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަންއާ ހަވާލުކޮށްފި --

ސަރުކާރުގެ އެއާ އެމްބިއުލާންސް ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސް ދަތުރުތައް ފެށުމަށްޓަކައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ޞިއްޙީ ވުޒާރާއާއި، އައިލެންޑް އޭވިއޭޝަން (މޯލްޑިވިއަން) އަދި އެންސްޕާއާ ދެމެދު މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޞިއްޙީ ވުޒާރާގެ ފަރާތުން ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު ސޮއިކުރެއްވިއިރު، އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހީނާ ވަލީދުއެވެ.

މޯލްޑިވިއަން އިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، ޞިއްޙީ ވުޒާރާގެ ދަށުން "މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް" ވަނީ އުފައްދާފައެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި، ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ހަރަކާތްތެރިވަމުން ދެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން، ސަރުކާރުގެ "ހަފްތާ 14" ގައި ހިމަނުއްވާފައިވާ ކަމެކެވެ. މި ޚިދުމަތް ފެށިފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މިހާތަނަށް 1840 ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ޙާލަތްތަކުގައި ފަރުވާ ދިނުމަށް، މާލެ ސަރަހައްދަށް އެއާ އެމްބިއުލާންސްގައި ގެނެސްފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

ރާއްޖެއިން ބޭރުން ބޭސް ފަރުވާގެ ޚިދުމަތް ހޯދުމަށް މިހާރު ގިނައިން އާސަންދަ ދެމުން އަންނަނީ އަވައްޓެރި އިންޑިއާއިންނެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގަތްތަނާހެން ރައީސް މުޢިއްޒު ވަނީ ތައިލެންޑާއި ދުބާއީއަށް ވެސް މި ޚިދުމަތް ފުޅާކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ. މި ޚިދުމަތް ކޮންމެވެސް ވަރަކަށް ކުރިން ވެސް ދެމުން އައި ނަމަވެސް، ފުޅާ ދާއިރާއެއްގައި މިހާތަނަށް ފެށިފައިނުވެއެވެ. މި އެއްބަސްވުމާއެކު، ރާއްޖޭގެ ރައްޔިތުންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.