"ސިގްނޭޗަރ ސްކޮލަރޝިޕް" އަކީ ދިވެހި ތަރިކައިގެ ދާއިރާއަށް އަންނަ އިންގިލާބެއް: މިނިސްޓަރ އާދަމް ނަސީރު
ދިވެހިރާއްޖޭގެ ތަރިކައާއި ސަޤާފަތު ދިރާސާކޮށް، ދިވެހިންގެ އަސްލު ހޯދުމަށް ސަރުކާރުން ތައާރަފްކުރި “ސިގްނޭޗަރ ސްކޮލަރޝިޕް” އަކީ މި ދާއިރާއަށް އަންނަ އިންގިލާބީ ބަދަލެއް ކަމަށް މިނިސްޓަރ އޮފް ދިވެހިރާއްޖޭގެ ތަރިކައާއި ސަޤާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އެ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އާދަމް ނަސީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ސްކޮލަރޝިޕްތަކެއް ދިނުން ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިޢުލާންކުރެއްވި 'ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ' ބިޔަ މަޝްރޫޢުގެ މުހިންމު އަސާސެކެވެ. މިއީ އެ ސިޔާސަތުގެ ތެރެއިން ކުރިއަށްގެންދާ 'އިލްމީ އިންގިލާބެއް' ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
Ads by BML"މި ސްކޮލަރޝިޕްތަކާއި ދިރާސާތަކާއެކު ރައީސް އިޢުލާންކުރެއްވި ސިޔާސަތުގެ ތެރެއިން ޤައުމީ ދާއިރާއިން ސިކުނޑި ބައްޓަން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" މިނިސްޓަރ ވިދާޅުވިއެވެ. "މި މަސައްކަތުން ދިވެހި ތަރިކައިގެ ދާއިރާ ދިވެހިންނާ އެއްކޮޅަށް، އޭގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ކުރެވޭނެ."
މިނިސްޓަރ އިތުރަށް ވިދާޅުވީ، ދިވެހިންގެ އަސްލާއި ނަސަބު ދެނެގަތުމަށް ކުރެވޭ މަސައްކަތުގައި، މިހާތަނަށް ދިވެހިންނަށް ނުފޯރި އޮތް ހިސާބުތަކަށް ވާސިލުވުމަކީ މި ސްކޮލަރޝިޕްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މީގެ ކުރިން ތަރިކަ ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، މިއީ އެ މަސައްކަތްތައް އިލްމީ ގޮތުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by MACL
