ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮންމެ ޢާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ އިންޤިލާބީ ސިޔާސަތެއް ތަޢާރަފުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން------ފޮޓޯ:ސަން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން------ފޮޓޯ:ސަން

ދިވެހި ކޮންމެ ޢާއިލާއަކަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމުގެ އަމާޒުގައި، މުޖުތަމަޢުގެ ތިން ފަންތިއަކަށް އަމާޒުކޮށްފައިވާ ސަރުކާރުގެ އިންޤިލާބީ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް"، ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން އެކުލަވާލި މި ސިޔާސަތު ޢާންމުންނަށް ހުޅުވާލަދެއްވީ، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ސިޔާސަތު ބައްޓަންކޮށްފައިވަނީ ތަފާތު މާލީ ތަނަވަސްކަން ލިބިފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްޤު ލިބިދޭނެ ފަދަ ގޮތަކަށެވެ. އެގޮތުން، މެދުފަންތީގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން "އެފޯޑަބަލް ހައުސިންގ" ޕްރޮޖެކްޓުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަމިއްލައަށް ގެދޮރު ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، ކުލި ދައްކަމުން ގޮސް އެތަން އަމިއްލަ މިލްކަކަށް ހެދޭ "ރެންޓް ޓު އޯން" ގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެއްވެސް އާމްދަނީއެއް ނުލިބޭ ނިކަމެތި ޢާއިލާތަކަށް ސަރުކާރުގެ އެސެސްމަންޓަކަށްފަހު، ސޯޝަލް ހައުސިންގ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މި ސިޔާސަތާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ އުޞޫލުތަކާއި، ގޯތި އަދި ފްލެޓް ދޫކުރުމުގެ މިންގަނޑުތައް ވަނީ ޢާންމުކޮށްފައެވެ. ޚާއްޞަކޮށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަސާސީ ޝަރުޠުތަކަށާއި ޕޮއިންޓް ދިނުމުގެ އުޞޫލަށް، ކުރީގެ ސްކީމްތަކާ ޚިލާފަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު، މާލޭގެ ރަށްވެހިންނަށާއި، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.