ހަސީނާގެ މައްޗަށް މަރުގެ ހުކުމް: ބަނގްލާދޭޝްއާއި ހަވާލުކުރުމަށް އިންޑިއާއަށް އަނެއްކާވެސް ގޮވާލައިފި
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްޗަށް މިއަދު އިއްވި މަރުގެ ހުކުމާ ގުޅިގެން، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށް ސާބިތުވެފައިވާ ހަސީނާ އަނބުރާ ގައުމަށް ހަވާލުކުރުމަށް ބަންގްލަދޭޝް ސަރުކާރުން އިންޑިއާއަށް އަނެއްކާވެސް ރަސްމީކޮށް ގޮވާލައިފި އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު އޭނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް އައި މުޒާހަރާތަކަށް ފަހު، ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން މިއަދު އިއްވި ހުކުމުގައި، އުމުރުން 78 އަހަރުގެ ޝައިޚް ހަސީނާގެ މައްޗަށް ވަނީ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމުގެ ކުށް ސާބިތުވެ، ދަންޖައްސައި މެރުމުގެ ހުކުމް އިއްވައިފަ އެވެ. ހަސީނާގެ އިތުރުން، ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލްގެ މައްޗަށް ވެސް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. މީގެ ކުރިން ސަރުކާރާ ދެކޮޅު މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މެރުމަށް އަމުރުކުރި ކަމުގެ ކުށް މި ދެ ބޭފުޅުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
Ads by BMLބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އިންޑިއާ ސަރުކާރުން މި ދެ ކުށްވެރިން، ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކާ ވަގުތުން ހަވާލުކުރުމަށް ގޮވާލާފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިއީ އިންޑިއާއިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެއް ކަމަށާއި، "މި ކުށްވެރިންނަށް ހިމާޔަތް ދިނުމަކީ އެކުވެރި ގުޅުމާ ދުރު އަދި އިންސާފާ ބީރައްޓެހި" ގޮތެއް ކަމަށެވެ.
މި ހުކުމާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުކުމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ގާތް އަވަށްޓެރިއެއްގެ ހައިސިއްޔަތުން އިންޑިއާއިން އަމަލުކުރާނީ ބަންގްލަދޭޝް ރައްޔިތުންނާއި ސުލްހަޔާއި ޑިމޮކްރަސީއަށް އެންމެ މަސްލަހަތު ހުރި ގޮތަށް ކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތްކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ނަމަވެސް ހަސީނާ ހަވާލުކުރާނެ ކަމުގެ ޔަގީންކަމެއް އިންޑިއާއިން ދީފައެއް ނުވެ އެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ޚިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށް ބަންގްލަދޭޝްގެ އެތައް ބަޔަކު ދަނީ ބުނަމުންނެވެ. މީގެ ތެރޭގައި ސިޔާސީ ވާދަވެރިންނަށް އަނިޔާކުރުމާއި ގިނަ އަދަދެއްގެ މީހުން ބަންދުކުރުން ހިމެނެ އެވެ. މި ހުކުމާ ގުޅިގެން، ބަންގްލަދޭޝްގެ ވަގުތީ ރައީސް އަދި ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް ވަނީ މަރުހަބާ ވިދާޅުވެ، މިއީ ތާރީހީ ހުކުމެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި ހަމަނުޖެހުން އުފެއްދުމުން ދުރުހެލިވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
Ads by MACL
