ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އާންމުކޮށްފި

16 ސެޕްޓެމްބަރު 2025، މީޑިއާ ބިލް ބޭރުކުރަން ގޮވާލައި އިހުތިޖާޖު ކުރަނީ---ވަން ފޮޓޯވަން / ހަމްދާން އަހުމަދު
16 ސެޕްޓެމްބަރު 2025، މީޑިއާ ބިލް ބޭރުކުރަން ގޮވާލައި އިހުތިޖާޖު ކުރަނީ---ވަން ފޮޓޯވަން / ހަމްދާން އަހުމަދު

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އާންމުކޮށްފިއެވެ.

މީޑިއާ ކޮމިޝަނުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން ޢާއްމުކޮށްފައިވާއިރު، މި ލިސްޓުގައި މިހާރު ޢަމަލީގޮތުން ނެތް ނޫސް މަޖައްލާތައްވެސް ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ.

ދާދި ފަހުން އެކުލަވާލެވުނު މީޑިއާ ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަން އެކުލަވާލާތާ 45 ދުވަހުގެ ތެރޭގައި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި ޢާއްމުކުރަން ޖެހެއެވެ. އެގޮތުން، އެމް.އެމް.ބީ.ސީން މިއަދު ޢާއްމުކުރި ދަފްތަރުގައި ޖުމްލަ 333 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، ކޮމިޝަނުން ޢާއްމުކުރި މި ދަފްތަރުގައި، މިވަގުތު އެއްގޮތަކަށްވެސް ނުނެރޭ އަދި ޢަމަލީގޮތުން ވުޖޫދުގައި ނެތް މަޖައްލާތައްވެސް ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބުން، ރާއްޖޭގެ މީޑިއާ ދާއިރާގެ ޙާލަތު ދައްކުވައިދޭ ސައްޙަ ތަސްވީރެއް މި ދަފްތަރުން ނުފެނިދާނެކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

މިކަމާ ގުޅިގެން، ރެޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް މި ދަފްތަރުގައި ނެތްނަމަ، އެކަން ހަތް ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށް އެމް.އެމް.ބީ.ސީން ވަނީ އެދިފައެވެ. މި ފިޔަވަޅަކީ ދަފްތަރުގެ ސައްޙަކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

މި ދަފްތަރު ޢާއްމުކުރުމަކީ މީޑިއާގެ ދާއިރާގައި ޒިންމާދާރުކަމާއި ޖަވާބުދާރީވުން އިތުރުކުރުމަށް އެޅޭ ފިޔަވަޅެއްކަމަށް އެމް.އެމް.ބީ.ސީން ބުނެއެވެ. އަދި މި ދަފްތަރުގެ ސަބަބުން މީޑިއާގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެއެވެ.