ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ދޭން ފަށަނީ

އަންނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ދޭން ފަށަނީ

އަންނަ އަހަރުން ފެށިގެން ނަފްސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުކޮށްދޭނެ ކަމުގެ އުފާވެރި ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، މިއީ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމަށް ގެންނަވާ މުހިންމު ބަދަލެއްކަން ފާހަގަކުރައްވާފަ އެވެ.

މިކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. އެގޮތުން، ކުރީގެ ސަރުކާރުތަކުން އިހުމާލުކޮށްފައިވާ ގުރައިދޫގައި ހުންނަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒު ތަރައްޤީކުރުމަށް 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް ފައްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މި ދާއިރާއަށް މިހާ ބޮޑު ޚަރަދެއްކޮށްގެން ފެށި ފުރަތަމަ މަޝްރޫޢު ކަމަށް ރައީސް ވިދާޅުވި އެވެ.

އިޖުތިމާޢީ ރައްކާތެރިކަން ފުޅާކުރުމުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް ރައީސް އަލިއަޅުވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، މިހާތަނަށް ސަރުކާރުގެ ކުންފުނިތަކުން 280 އަށްވުރެ ގިނަ އަދި ސިވިލް ސަރވިސް އިން 45 ފަރާތަކަށް، ޖުމްލަ 333 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށާއި، މި އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް އަންނަ އަހަރުން ފެށިގެން ތިން ގުނަ ބޮޑުކުރައްވާނެކަން ވެސް ރައީސް އިއުލާންކުރެއްވި އެވެ. މި ބަދަލާއެކު، މިހާރު ކޮންމެ ކުއްޖަކަށް ދޭ 1,000 ރުފިޔާގެ ބަދަލުގައި 3,000 ރުފިޔާ ލިބިގެންދާނެ އެވެ. އެގޮތުން ހަތަރު ކުދިންނާ ހަމައަށް، މަހަކު 12,000 ރުފިޔާގެ އެލަވަންސެއް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ވެފައިވާ ކޮންމެ ވައުދެއް ފުއްދުމަށް އިސްކަންދެއްވާނެ ކަމަށާއި، އެކަންކަން ތަންފީޒުކުރުމަށް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށެވެ.