ގޭންގުތަކުގައި އުޅުނު ޒުވާނުން 'ނޯމަލް ލައިފަކަށް'، ކޯޓުން ކަނޑައަޅާނެ ގޭންގެއް ނެތް: ރައީސް
ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިން ގޭންގުތަކުގައި ހަރަކާތްތެރިވި ޒުވާނުން އެކަންކަން ހުއްޓާލައި 'ނޯމަލް ލައިފަކަށް' އެނބުރި އައިސްފައިވާތީ، ރާއްޖޭގައި މިވަގުތު ކޯޓަށް ހުށަހަޅައިގެން ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ފަދަ ޝަރުތު ހަމަވާ އެއްވެސް ގްރޫޕެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް 104 ހަފްތާ ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ އޮގަސްޓް މަހު ތަސްދީގުކުރި ގޭންގް ކުށްތަކާ ބެހޭ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، އެ ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލު ކުރެއްވުމުން، ގާނޫނީ ގޮތުން ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގްރޫޕެއް މިވަގުތު ރާއްޖޭގައި ނެތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
Ads by BML"މިހާރު ގޭންގްތަކުގައި ކުރިން އުޅުނު ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލައިފި. ގޭންގް ކުށް ހުއްޓާލައި އެ ޒުވާނުން މިހާރު އުޅެނީ ވިޔަފާރިކުރުމާއި އަބުރުވެރި އާދައިގެ ދިރިއުޅުމެއް،" ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުތަކުގައި ހަރުކަށި އަދަބުތައް ކަނޑައަޅަނީ މީހުންނަށް އަދަބު ދިނުމުގެ ބޭނުމުގައެއް ނޫނެވެ. އެއީ އެފަދަ ކުށްތަކުން މީހުން، ހާއްސަކޮށް ޒުވާނުން، ދުރުހެލިކުރުވުމަށްޓަކައި ކަމަށާއި، ގޭންގް ގާނޫނުން އެ ނަތީޖާ ފެންނަމުންދާ ކަމީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް، މިހާރު ވެސް ގޭންގެއްގެ ގޮތުގައި ހަރަކާތްތެރިވާ ބަޔަކު ތިބިނަމަ، އެއްވެސް ފަސްޖެހުމެއް ނެތި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އެފަދަ ހާލަތެއްގައި ހޯމް މިނިސްޓްރީ މެދުވެރިކޮށް ޕީޖީ އޮފީހަށް ފޮނުވައި، ކޯޓުން އެއީ ގޭންގެއް ކަމަށް ކަނޑައަޅައި، ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ގޭންގު ކުށްތަކުގައި އުޅޭ ހުރިހާ ޒުވާނުންނަށް އެފަދަ އަމަލުތައް ހުއްޓާލައި، މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
Ads by MACL
