ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް: ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް!

ސަރުކާރުން މިހާތަނަށް ހާސިލްވި ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ސަރުކާރުން މިހާތަނަށް ހާސިލްވި ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

އަންނަ އަހަރަށް ހަމަޖައްސާފައިވާ ބިޔަ ބަޖެޓުގެ ތެރެއިން ސިއްހީ ދާއިރާއަށް ޚާއްސަ ކުރެވޭ 500 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ނިމުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށް އަމާޒުކޮށްފައިވާ މި ބަޖެޓަކީ، ރައްޔިތުންނަށް ދިވެހިރާއްޖެއިން ފުރިހަމަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

ސިއްހީ ދާއިރާއަށް ޚާއްސަކޮށް 830 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ބަޖެޓްގެ ތެރެއިން 500 މިލިއަން ރުފިޔާ މަޝްރޫޢުތަކަށް ޚަރަދުކުރެވޭނެއިރު، 330 މިލިއަން ރުފިޔާ ހަރަކާތްތަކަށް ވަނީ ކަނޑައަޅާފައެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި ސިއްހީ ދާއިރާއަށް އެންމެ ބޮޑު އިހުމާލެއް ކުރެވިފައިވާ ކަމަށާއި، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވެފައިވަނީ ސިއްހީ ޚިދުމަތްތަކުގެ ދަށް ފެންވަރު ކަމަށެވެ.

މާލެއާއި ރަށްރަށަށް ޚާއްސަ ޚިދުމަތްތައް:

އަންނަ އަހަރުގެ ބަޖެޓްގެ އެންމެ މުހިންމު އެއް ކަމަކީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ގިނަ ސްޕެޝިއަލިޓީ ޚިދުމަތްތައް ފެށުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އޭގެ ތެރޭގައި:

ޓާޝަރީ ހޮސްޕިޓަލްތައް: ފަސް ރަށެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅައި، އެ ހޮސްޕިޓަލްތަކުން އެމްއާރްއައިގެ ޚިދުމަތް ފޯރުކޮށްދިނުން.

ސީޓީ ސްކޭން ޚިދުމަތް: ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް ގާއިމުކުރުން.

އެމްބިއުލާންސް ޚިދުމަތް: މި އަހަރު ނިމުމުގެ ކުރިން 60 ރަށަކަށް އެމްބިއުލާންސް ގެނައުމާއި، 10 އާ ސީއެމްބިއުލާންސް ގެނައުން.

އެއާ އެމްބިއުލާންސް: އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައިލެންޑާއި ދުބާއީއަށް ފުޅާކުރުން.

ލެބޯޓަރީ ޚިދުމަތް: އެންމެ ކުޑަ ރަށުގައި ވެސް ލެބޯޓަރީ ޚިދުމަތް ލިބެން ހުރުމުގެ އިންތިޒާމް ހަމަޖެއްސުން.

ސިއްހީ މަރުކަޒުތައް: ކޮންމެ ރަށެއްގައި ވެސް އަޕްގްރޭޑްކުރެވިފައިވާ، މަރާމާތުކުރެވިފައި ހުރި ސިއްހީ މަރުކަޒެއް ހުންނާނެ.

ނަފްސާނީ ބަލީގެ ޚިދުމަތް: އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބަލީގެ ޚިދުމަތްތަކަށް އާސަންދަ ކަވަރުވުން.

ރައީސް މުޢިއްޒު ވިދާޅުވީ، މި އަންނަ އަހަރު މި ހުރިހާ މަޝްރޫޢުތަކެއް އެއްކޮށް ނިމި، މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ބޮޑު ތަނުން މަތީ ފެންވަރަކަށް ގެންގޮސްދެއްވާނެ ކަމަށެވެ.