ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ ޑިސެންބަރު 21 ވަނަ ދުވަހުގެ ކުރިން ކުރިމަތިލެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުން my.elections.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވެ، އީ-ފާސްގެ މައުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ ދޭންޖެހެއެވެ. ހުށަހަޅާ ފަރާތްތަކަށް އެޕްލިކޭޝަންގެ ސްޓޭޓަސް ޕޯޓަލްއިން ބެލޭނެއެވެ.

އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާއިރު، ހާސިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

ޝަރުތުތަކާއި މުސާރަ


މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވުން، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ ފަރާތެއް ކަމުގައި ނުވުން، އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކަށް ނުވުމާއި، ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލާފައިވާ މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ. އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ.

މަސައްކަތްކުރާ އޮފިޝަލުންނަށް ދެވޭ މުސާރައިގެ ތަފްސީލު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 2900 ރުފިޔާ، ވެރިޔާގެ އެހީތެރިއަކަށް 2600 ރުފިޔާ، އެހެން އޮފިޝަލުންނަށް 2300 ރުފިޔާ، އަދި ގުނާ އޮފިޝަލަކަށް 1800 ރުފިޔާ ލިބޭނެއެވެ. ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، މަސައްކަތްކުރާ ގަޑިތަކަށް ބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ އެ ފައިސާ ވެސް ދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިންނެވެ.