ރާއްޖެ އިޤްތިޞާދީގޮތުން މިނިވަން ޤައުމަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު: މާލީ ވަޒީރު
ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި މި ސަރުކާރުން ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ގެނައި އިސްލާހީ ބަދަލުތައް ކާމިޔާބުކަމަށާއި، ރާއްޖެ އިޤްތިޞާދީގޮތުން މިނިވަން ޤައުމަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު ޤައުމު އޮތީ ބޮޑެތި ދަރަނިތަކެއްގެ ތެރޭގައި ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން މިހާރު މާލީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވަޒީރު ޒަމީރު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ޤައުމުގެ އިޤްތިސާދު ނާޒުކު ހާލަތެއްގައި އޮއްވައި ކަމަށެވެ. އެގޮތުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގާފައި ހުރުމާއި، އެ ލޯނުތައް އަނބުރާ ދެއްކޭނެ ގޮތެއް ހޯދާފައިނުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސަރުކާރުން މަސައްކަތްކުރީ ދަރަނިތައް މެނޭޖްކޮށް، ދަރަނި އަނބުރާ ދެއްކޭނެ ގޮތްތައް ހޯދުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLވަޒީރު ވިދާޅުވީ މާލީ ދާއިރާއަށް ގެނެވުނު އިސްލާހީ ބަދަލުތަކުގެ ނަތީޖާ ދަނީ ފެންނަމުން ކަމަށާއި، މި ބަދަލުތަކަށް ބޭރުގެ ފަރާތްތަކުންވެސް ތާއީދުކުރާ ކަމަށެވެ. "މިހާރުވެސް ދަރަނި ނަގާ، އެކަމަކު ދަރަނި ދެއްކޭނެ ގޮތްތަކެއް ރާވައިގެން ދަރަނި ނަގަނީ، އެއީ ރައީސް ގެންނެވި ތަފާތަކީ. މާކެޓަށް ކޮންފިޑެންސް ލިބެން ފަށައިފި. ސަރުކާރުން ބޭނުން ނަމަ ލޯނު ލިބިދާނެކަމަށް އެބަ ބުނޭ،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މިނިވަން ދިވެހިރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުމަށް ކަމަށާއި، މި ޒަމާނުގައި މިނިވަން ވެވޭނީ މާލީގޮތުން މިނިވަންކަން ލިބިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯދައިދެވޭނެ ކަމަށް ވަޒީރު ޒަމީރު ޔަޤީންކުރައްވައެވެ. "ދަރަނި މެނޭޖްކުރެވި، އިތުރު ރެވެނިއު ސްޓްރީމްސް ޖެނެރޭޓުކުރެވި، އިޤްތިޞާދު ޑައިވާސިފައިވެގެންދާއިރު، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބެގެން، އަމިއްލަ ވަންތަ އިޤްތިޞާދެއް ބައްޓަންކުރެވިގެންދާނެ ކަމަށް ދެކެނީ،" އޭނާ ވިދާޅުވިއެވެ.
މިހާރު ކުރެވެމުންދާ މަސައްކަތްތަކާއެކު އިޤްތިޞާދީގޮތުން ޤައުމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، އިޤްތިޞާދީގޮތުން ފުދުންތެރި، އެންމެންނަށްވެސް އިޤްތިޞާދުގެ ފައިދާ ލިބޭ ޤައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
Ads by MACL
