ރިޔާސީ ވައުދާ އެއްގޮތަށް، އައިވީއެފްއަށް އެހީވުމުގެ ފުރުސަތު 50 ދެމަފިރިއަކަށް ހުޅުވާލައިފި
ދަރިމައިވުމުގައި ދަތިތައް ކުރިމަތިވާ ފަރާތްތަކަށް އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) ހެދުމަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ރިޔާސީ ވައުދު ފުއްދުމުގެ ގޮތުން، ޝަރުތު ހަމަވާ 50 ދެމަފިރިންނަށް އެ ފުރުސަތު ހޯދުމަށް އެދި ހުށަހެޅުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ.
އެންސްޕާއިން ބުނީ، މި ފުރުސަތަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މިމަހުގެ 20 އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އޮންލައިންކޮށް، ސަރުކާރުގެ ޚިދުމަތްތަކަށް ޚާއްސަ 'ވަންގަވް' ޕޯޓަލް މެދުވެރިކޮށެވެ.
މި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، ޚާއްސަ އުސޫލެއްގެ ދަށުން ޕޮއިންޓް ދީގެން އެންމެ މަތިން މާކްސް ލިބޭ 50 ދެމަފިރިންނަށެވެ. މިކަމުގައި ޢަމަލުކުރާނެ އުސޫލާއި، އައިޔޫއައި އަދި އައިވީއެފް ފަރުވާއާ ގުޅޭ އިތުރު ތަފްސީލުތައް އެންސްޕާގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
Ads by BMLމިހާތަނަށް ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހިންނަށް މި ފަރުވާ ހޯދެމުން އައީ ބޮޑެތި ޚަރަދުތަކެއްކޮށްގެން ރާއްޖެއިން ބޭރުންނެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް އާސަންދައިގެ ދަށުން އައިވީއެފްގެ ޚިދުމަތް ފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ހަފްތާ 14" ގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ.
Ads by MACL
