ކްލައުޑްފްލެއާގެ މައްސަލައަކުން ދުނިޔެއަށް ހުއްޓުމެއް، ރާއްޖޭގެ ބޭންކިން ހިދުމަތްތައްވެސް މެދުކެނޑިއްޖެ
ދުނިޔޭގެ އެންމެ ބޮޑު އެއް އިންޓަނެޓް އިންފްރާސްޓްރަކްޗަރ ކުންފުނި، ކްލައުޑްފްލެއާގެ ހިދުމަތަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖޭގެ މުހިންމު ގިނަ ހިދުމަތްތަކަކަށް ވަނީ ބުރޫއަރައި، ޚާއްސަކޮށް ބޭންކިން ދާއިރާ ހުއްޓުމަކަށް އައިސްފައެވެ.
މި މައްސަލައިގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ދެ ބޭންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޮންލައިން ބޭންކިންގ އަދި މޮބައިލް އެޕްލިކޭޝަންގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މީގެ އިތުރުން މުއާސަލާތީ ދެ ކުންފުނި، ދިރާގާއި އުރީދޫ މެދުވެރިކޮށް ބޭނުންކުރާ ބައެއް ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ވަނުމުގައިވެސް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ދުނިޔޭގެ ފެންވަރުގައި ދިމާވެފައިވާ މައްސަލައެއް ކަމަށާއި، އެކަމުގެ ސަބަބުން އެ ބޭންކުގެ އޮންލައިން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ބޭންކުން ވަނީ މައާފަށް އެދިފައެވެ. އެމްއައިބީ އިން ވެސް ވަނީ ހިދުމަތްތައް އަލުން އަވަހަށް ފެށޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ހާލަތު ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ.
Ads by BMLއިންޓަނެޓްގެ ދުނިޔޭގައި މުހިންމު ދައުރެއް އަދާކުރާ ކްލައުޑްފްލެއާ އަކީ ވެބްސައިޓްތައް ސައިބަރ ހަމަލާތަކުން ރައްކާތެރިކޮށް، ޕާފޯމަންސް ރަނގަޅުކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނީގެ ހިދުމަތް ހުއްޓުމުން އެކްސް (ކުރީގެ ޓްވިޓާ) އާއި ޗެޓްޖީޕީޓީ ފަދަ މަޝްހޫރު ޕްލެޓްފޯމްތަކުގެ އިތުރުން ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.
މިކަމާ ގުޅިގެން ކްލައުޑްފްލެއާއިން ބުނީ، އެ ކުންފުނީގެ ޑޭޝްބޯޑާއި އޭޕީއައިތަކަށް މައްސަލަ ދިމާވެ، ގިނަ ކަސްޓަމަރުންނަށް "އެރާ 500" މެސެޖު ފެންނަމުންދާ ކަމަށެވެ. އަދި މިއީ ފުޅާ ދާއިރާއެއްގައި ދިމާވި މައްސަލައެއް ކަމަށާއި، އޭގެ އަސްލު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
Ads by MACL
