ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަލަސްތީން ޓީމަށް ރައީސްގެ ދެކަބަލުންގެ ހާއްސަ ޖާފަތެއް ދެއްވައިފި

ފަލަސްތީން ޓީމަށް ރައީސްގެ ދެކަބަލުންގެ ހާއްސަ ޖާފަތެއް ދެއްވައިފި

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ ތަމްރީނު ކޭމްޕް ނިންމާލުމާ ގުޅިގެން، ފަލަސްތީނުގެ ޒުވާން ފުޓްބޯޅަ ޓީމުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު މެންދުރުގެ ހާއްސަ ފަރިކޮޅެއް ބާއްވަވައިފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ޖާފަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، އެ ގައުމަށް އެކި ކުޅިވަރުތަކުގެ މުބާރާތްތަކަށް ތައްޔާރުވުމުގައި ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެފްއޭއެމްގައި އެދުމުން، މި ޓްރޭނިން ކޭމްޕް ރާއްޖޭގައި ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނީ ސަރުކާރުގެ ހަރަދުގަ އެވެ. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވި ގޮތުގައި، މި ކޭމްޕަށް ސަރުކާރުން ގާތްގަނޑަކަށް 546،000 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި ތަމްރީނު ކޭމްޕުގެ ތެރެއިން ދެ ގައުމުގެ 17 އަހަރުން ދަށުގެ ޓީމު ވަނީ ދެ ރަހުމަތްތެރިކަމުގެ މެޗު ކުޅެފަ އެވެ. މި ދެ މެޗަށް ހާއްސަކޮށް އެފްއޭއެމުން ތައްޔާރުކުރި ހަނދާނީ ޓިކެޓްތައް ރައީސް މުއިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ބައްލަވައިގެންފަ އެވެ. އެ ޓިކެޓްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓްރޭނިން ކޭމްޕް ނިންމުމަށްފަހު ފަލަސްތީނުގެ ޓީމު އިންޑިއާއަށް ފުރާނީ މާދަމާ އެވެ. އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުޅޭ ކޮލިފައިންގެ ގްރޫޕް ޑީގައި ފަލަސްތީނުގެ އިތުރުން ހިމެނެނީ އިންޑިއާ، އިރާން، ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ކުޅޭ ކޮލިފައިން މެޗުތައް އޮންނާނީ ތައިލެންޑްގަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި ތައިލެންޑްގެ އިތުރުން ވާދަކުރާނީ ތުރުކްމެނިސްތާނާއި ކުވޭތެވެ. ރާއްޖޭގެ ޒުވާން ޓީމު ވެސް މާދަމާ ތައިލެންޑަށް ފުރައިގެން ދާނެ އެވެ.