އައްޑުއާ 1642 ކިލޯމީޓަރު ކައިރިއަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއްނެތް!
އައްޑޫ ސިޓީއާ 1،642 ކިލޯމީޓަރު ކައިރިން، އިންޑިއާ ކަނޑުގެ 'މިޑް އިންޑިއަން ރިޖް' އަށް މިރޭ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި، 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައި ނަމަވެސް، ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވީ، މި ބިންހެލުން ރެކޯޑްކުރެވިފައިވަނީ މިރޭ 8:35 ހާއިރު، އައްޑޫ ސިޓީގެ އިރު ދެކުނުން ގާތްގަނޑަކަށް 1،642 ކިލޯމީޓަރު ދުރުން 'މިޑް އިންޑިއަން ރިޖް' ސަރަހައްދަށް ކަމަށެވެ. މިއީ ރިކްޓަރ މިންގަނޑުން 5.2 ގެ ބާރުމިނުގެ ހެލުމެކެވެ.
Ads by BMLމި ބިންހެލުމާ ގުޅިގެން ދިވެހިރާއްޖެއަށް ނުވަތަ ކައިރި ސަރަހައްދުތަކަށް ސުނާމީގެ ނުރައްކަލެއް އޮތްކަމަށް ލަފާނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިފަހަކަށް އައިސް އިންޑިއާ ކަނޑުގެ މި ސަރަހައްދުތަކަށް ބިންހެލުން އައުން ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ވެސް، ރާއްޖެއާ 912 ކިލޯމީޓަރު ދުރުން 'ކާލްސްބާގް ރިޖް' އަށް 4.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
