ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއްވެ އުޅުމުގެ މިނިވަންކަން މިސަރުކާރުން ވާނީ އިތުރަށް ދީފައި: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ---
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ---

އެއްވެ އުޅުމުގެ މިނިވަންކަން މިސަރުކާރުން ވާނީ އިތުރަށް ދީފައި ކަމުގައި އެމްޕީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް އެއްވެ އުޅުމުގެ މިނިވަންކަން އިތުރަށް ދީފައިވާ ކަމަށާއި، އެކަމަށްޓަކައި އެއްވެ އުޅެވޭނެ ތަންތަން ފުޅާކޮށްފައިވާ ކަމަށެވެ. ޝުޖާއު މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މެންބަރު ޝުޖާއު ހައިރާންކަން ފާޅުކުރައްވަމުން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މި ގާނޫނު އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ކަމަށާއި، އެހެންނަމަވެސް އޭރުގެ ބަންޑާރަ ނައިބު އެއީ ގާނޫނު އަސާސީއާ ތައާރަޒުވާ ގާނޫނެއް ނޫން ކަމަށް ވިދާޅުވެ، މައްސަލަ ބޭރުކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މިފަދަ ބިލެއް ހުށަހެޅުމަކީ ޤަބޫލުކުރަން ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި އެއްވެ އުޅުމުގެ މިނިވަންކަން ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެންވީ ނަމަވެސް، އެކަން ކުރެވޭނެ ވަކި ތަންތަން ހުންނާނެ ކަމަށް މެންބަރު ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ވަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ފުޅާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ޝުޖާއު އިތުރަށް ވިދާޅުވީ، ގާނޫނު ނަންބަރު 1/2013 (އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު) ކުރިން އޮތް ގޮތުން އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިގާނޫނަށް ގެނައި ބަދަލުތަކާ އެކު، އުސްފަސްގަނޑަށް ވެސް އަދި ރަސްފަންނަށް ވެސް އެއްވެ އުޅެވޭނެ ގޮތަށް މިނިވަންކަން ފުޅާކޮށްފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން މިކަން ކުރެވޭ ގޮތަށް ފުޅާކުރެވިފައިވާ ކަމެއް ކަމަށެވެ.

"މި ގާނޫނުގަ ކުރިން އޮންނާނީ ކާނިވާ ސަރަހައްދަށް އެކަނި އެއްވެވޭ ގޮތަށް އިއްޒަތްތެރި ރައީސް. އަޅުގަނޑުމެންގެ މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ.މުޙައްމަދު މުއިއްޒު ފުޅާކުރެއްވީ، އުސްފަސްގަނޑަށް ވެސް އެއްވެވޭނެ. ރަސްފަންނަށް ވެސް އެއްވެވޭނެ، އެއްވެވޭނެ ތަންތަން ފުޅާކުރައްވާ ޑިމޮކްރެޓިކް ސިސްޓަމްގެ ތެރޭގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަންކަން ކުރެވޭ ގޮތަށް ފުޅާކުރެއްވީ" މެންބަރު ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުގެ ޕީއެންސީ ސަރުކާރުން ގްރީން ޒޯނަށް އެއްވާ މީހުން ހައްޔަރު ނުކުރާ ކަމަށާއި، ދައުވާ ވެސް ނުކުރާ ކަމަށް މެންބަރު ޝުޖާއު ފާހަގަކުރެއްވިއެވެ. ނަމަވެސް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ގްރީން ޒޯނަށް އެއްވާ މީހުންގެ މައްޗަށް ދައުވާ އުފުލިފައިވާކަން އޭނާ ވިދާޅުވިއެވެ.