ކޮލަމާފުށި ދާއިރާއަށް ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ: މެންބަރު އިބްރާހިމް ދީދީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮލަމާފުށި ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ވައުދުތައް "ރަނުން ރަނަށް" ފުއްދަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އެ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިބްރާހިމް ދީދީ ވިދާޅުވީ، ރައީސް މުޢިއްޒުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު، ދާއިރާގެ ދެ ރަށް ކަމަށްވާ މާމެންދޫ އަދި ކޮލަމާފުށްޓަށް ވެވަޑައިގެންނެވި ކޮންމެ ވައުދެއް ފުދިގެންދާނެ ކަމަށެވެ. އަދި ވައުދާ އެއްގޮތަށް ގިނަ މަޝްރޫއުތަކެއް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި، މަސައްކަތް ފެށުމަށްޓަކައި މޮބިލައިޒް ކުރުމުގެ ތައްޔާރީތައް ވަމުންދާކަމީ ނުހަނު އުފާ ކުރައްވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ޚާއްސަކޮށް މާމެންދޫގެ ނަރުދަމާއި މަގުތައް ޒަމާނީ ފެންވަރަށް ހަދަން ތައްޔާރު ވަމުން ދިއުމަކީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ޝުކުރިއްޔާ ރައީސް ޑރ.މުޢިއްޒު،" އިބްރާހިމް ދީދީގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
Ads by BMLމެމްބަރު އިބްރާހިމް ދީދީ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ ގއ. މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ ބިޔަ މަޝްރޫއު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
154.8 މިލިއަން ރުފިޔާގެ މި މަޝްރޫއުއަކީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން:
-
މާމެންދޫގައި ފެން ހިންދުމުގެ ނިޒާމާއެކު 5.26 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން.
-
ރަށުގެ ހުރިހާ ގޭބިސީއަކަށް ޚިދުމަތް ލިބޭނެ ފަދަ ޒަމާނީ ނަރުދަމާގެ ނެޓްވޯކެއް ޤާއިމުކުރުން.
-
މަގުތަކުގައި ދުވާރުބައްތި ހަރުކުރުން.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މަސައްކަތް ފެށުމަށްޓަކައި އެ ކުންފުނިން މިހާރު ދަނީ ސައިޓް މޮބިލައިޒް ކުރުމުގެ ފަހު ތައްޔާރީތައް ވަމުންނެވެ.
މާމެންދޫގެ އިތުރުން ކޮލަމާފުށީގެ ތަރައްޤީއަށްވެސް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން މެމްބަރު އިބްރާހިމް ދީދީ ވަނީ ދެއްވާފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަވަނީ "ހަފްތާ 14" ގެ ވައުދުތަކުގެ ދަށުންނާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް، ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
Ads by MACL
