އެމްޑީޕީން އެއްވުން 'ވިއްކާލީ' ދާނެ ބަޔަކު ނެތުމުން: ފަލާހް
އިދިކޮޅު އެމްޑީޕީން ބާއްވަން އިއުލާނުކުރި ބޮޑު އެއްވުން ކުއްލި ގޮތަކަށް ފަސްކުރީ، އެ އެއްވުމަށް މީހުން ނުގޮސްދާނެތީ އެކަން "ވިއްކާލުމަށްފަހު" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ތުހުމަތު ކުރައްވައިފިއެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް އެމްޑީޕީން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރާ ދުވަހާ ދިމާކޮށް އެމްޑީޕީން ބާއްވަން އުޅުނު އެއްވުމަށް ތާއީދު ނެތުމުން އެންމެ ފަހުން "ބިޑަށް ލައިގެން" ވިއްކާލީ ކަމަށެވެ.
"ދާނެ މީހަކު ނުވެގެން އެންމެ ފަހުން އެ އެއްވުން ވެސް ވިއްކާލީ. ބިޑަށް ލާފައި އެ ވިއްކާލީ. މި ހާލަތުގައި އޮތް ޕާޓީއެއްގެ ވާހަކަ މި ދައްކަނީ. އެހެންވީމާ އެމްޑީޕީއެއް މިއަދަކު ނެތް،" ފަލާހް ވިދާޅުވިއެވެ.
Ads by BMLއޭނާ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި އެއްވުމަށް މީހުން ހޯދުމަށް އެމްޑީޕީން ރަށްރަށަށް ދަތުރުތައް ވެސް ކުރިއެވެ.
އެމްޑީޕީން މިދިޔަ މަހުގެ ތިންވަނަ ދުވަހު ބޭއްވި "ލޫޓުވައިފި" އެއްވުމަށްފަހު، އިތުރު ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް އިއުލާނުކޮށްފައި ވަނިކޮށް، އެ އެއްވުން ފަސްކުރީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ހުރަސް އަޅުއްވާތީ ކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން، ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އެއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށް، އެކަން ނިންމުމުގެ އިޚްތިޔާރު ލީޑަޝިޕަށް ދީފައެވެ.
ފަލާހްގެ މި ތުހުމަތުތަކަށް ބާރު ލިބޭ ގޮތަށް، އެއްވުން ކުއްލި ގޮތަކަށް ފަސްކުރުމުން އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ބައެއް ބޭފުޅުންގެ މެދުގައި ވެސް ވަނީ ބޮޑެތި ނުތަނަވަސްކަމެއް އުފެދިފައެވެ. އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅަކު ވެސް ވަނީ އެއްވުން ކެންސަލްކުރި ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ.
އެމްޑީޕީން އެއްވެ އުޅުމުގެ ގާނޫނު އުވާލަން ބިލެއް ހުށަހެޅީ މި އެއްވުން ފަސްކުރުމާ ގުޅިގެންނެވެ. އެ ބިލް ހުށަހެޅުއްވި މީކާއީލް އަހުމަދު ނަސީމް ވަނީ އެމްޑީޕީގެ ވެރިކަމުގައި އެ ގާނޫނު އުވާނުލެވުމަކީ "ހެދުނު ގޯހެއް" ކަމަށް ގަބޫލުފުޅު ކުރައްވާފައެވެ.
މިދިޔަ މަހު އެމްޑީޕީން ބޭއްވި އެއްވުމުން ހައްޔަރުކުރި ހަތް މީހުން 15 ދުވަހުގެ ބަންދަށްފަހު ދޫކޮށްލާފައިވާއިރު، އެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އިއްޔެ ނިންމާފައެވެ.
Ads by MACL
