އެއާ އެމްބިއުލާންސްގައި 1556 ބަލި މީހުން އުފުލައި، ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރަށް ގެންދަނީ
ރާއްޖޭގެ ރަށްތަކުން ސިއްޙީ ކުއްލި ޙާލަތްތަކުގައި މާލެއަށް ބަލިމީހުން ގެނައުމަށް ފެށި އެއާ އެމްބިއުލާންސްގެ ޚިދުމަތުގައި މިހާތަނަށް 1556 މީހަކު އުފުލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް ރާއްޖެއިން ބޭރަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުން، މޯލްޑިވިއަންއިން ހިންގަމުން އަންނަ މި ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ އެއްވަނަ ދުވަހުއެވެ. ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޚިދުމަތް ފެށި ފަހުން މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 1372 ދަތުރުކޮށް، 1556 ބަލި މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
Ads by BMLސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށްވާ ސިއްޙީ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން، ރައީސް މުޢިއްޒުގެ ތަސައްވުރަކީ އެއާ އެމްބިއުލާންސްގެ ޚިދުމަތް ހަމައެކަނި ރާއްޖެއަށް އަމާޒު ނުކޮށް، ބައިނަލްއަޤްވާމީ ފެންވަރަށް ފުޅާކުރުމެވެ. މި ސިޔާސަތުގެ ދަށުން، އަވައްޓެރި ޤައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކަށް ދިވެހިންނަށް ފަސޭހަކަމާއެކު ދަތުރުކޮށް ފަރުވާ ހޯދޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި އަމާޒު ހާސިލުކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފަށާފައިވާއިރު، ދާދި ފަހުން ވަނީ ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
Ads by MACL
