ސަރުކާރުގެ ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަނީ
މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިޢުލާންކޮށްފިއެވެ. ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ މި ޚިދުމަތަކީ، އާންމުންނަށް ބަރޯސާވެވޭ އަދި ލުއިފަސޭހަ ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާ މަޝްރޫޢެކެވެ.
އެމްޓީސީސީން ބޭނުންވާ ޑްރައިވަރުންގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށެވެ. ބާކީ 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް މަސައްކަތްކުރުމަށެވެ. މި މަޤާމުތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުން ލަސްވަނީ، މި ޚިދުމަތުގައި ބޭނުންކުރާ %100 ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ވެހިކަލް (އީވީ) ކާރުތަކަށް ރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް ބަދަލުތައް ގެންނަން ޖެހުމާ ގުޅިގެންނެވެ. ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ، މޫދާ ކައިރި މާޙައުލެއްގައި މި ކާރުތައް ދުއްވުމުން ލޮނުގެ އަސަރު ކުޑަކުރުމަށްޓަކައި ބައެއް މޮޑިފިކޭޝަންތައް ގެންނަންޖެހޭ ކަމަށެވެ. މި ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ޚިދުމަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރިން މި ޚިދުމަތް މިއަހަރުގެ އޮގަސްޓް މަހު ފެށުމަށް ނިންމާފައިވީ ނަމަވެސް، މި ސަބަބުތަކާ ހެދި ވަނީ ލަސްވެފައެވެ.
Ads by BMLސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭނެއެވެ. މި ޚިދުމަތަކީ 24 ގަޑިއިރު ދެވޭނެ ޚިދުމަތެއް ކަމަށާއި، ޚިދުމަތް ދިނުމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އުބާ އަދި ގްރެބް ފަދަ ޚިދުމަތްތަކާ އެއް ސްޓައިލަކަށް ކުރިއަށްދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
Ads by MACL
