އެއަރޕޯޓުގެ ދިގު ކިއުތަކަށް ނިމުމެއް: 2026 ގެ ކުރިން 20 އީ-ގޭޓް ބޭނުންކުރަން ފަށަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ދިވެހިންނާއި ފަތުރުވެރިން ހޭދަކުރަންޖެހޭ ދިގު ވަގުތުތަކަށް ނިމުމެއް ގެނައުމުގެ ގޮތުން، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ 20 އީ-ގޭޓް، 1 ޖެނުއަރީ 2026 ގެ ކުރިން އެއަރޕޯޓުގެ އައު ޓާމިނަލުގައި ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ރައީސް ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީ-ގޭޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި އީ-ގޭޓްތަކަކީ ފޭޝަލް ރެކޮގްނިޝަން (މޫނު ދެނެގަތުމުގެ) ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޕާސްޕޯޓް އެންމެ ފަހަރަކު ސްކޭން ކުރުމަށްފަހު، އަވަސްކަމާއެކު ބޯޑަރު ހުރަސްކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ނިޒާމެކެވެ.
މިގޮތުން، އައު ޓާމިނަލުގެ އެރައިވަލް އަދި ޑިޕާޗަރ ސަރަޙައްދުގައި 10 ގޭޓް ބަހައްޓާގޮތަށް ޖުމްލަ 20 ގޭޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLމި ޚިދުމަތަކީ ހަމައެކަނި ވީއައިއޭއަށް ޚާއްސަ ޚިދުމަތަކަށް ނުހަައްދަވާ، ރާއްޖޭގެ އެހެން ބައިނަލްއަޤްވާމީ އެއަރޕޯޓްތަކަށް ވެސް މި ޚިދުމަތް 2026 ވަނަ އަހަރުގެ ތެރޭގައި ތަޢާރަފް ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ވީއައިއޭގެ އައު ޓާމިނަލް ހުޅުވާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ވީއައިއޭއަކީ ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމުގެ އެންމެ ވަރުގަދަ ތަނބުކަމުގައި ސިފަކުރައްވާފައެވެ.
އައު ޓާމިނަލާއެކު އެއަރޕޯޓުގެ ޚިދުމަތްތަކަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައެވެ. އޭގެ ތެރޭގައި 47 ޗެކިން ކައުންޓަރު، އަމިއްލައަށް ޗެކިން ވެވޭ 6 ކިއޮސްކް، އަދި ސީޕްލޭން ދަތުރުވެރިންނަށް ޚާއްސަ 24 ޗެކިން ކައުންޓަރު ހިމެނެއެވެ.
Ads by MACL
