ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިޖީއެމްއެޗަށް ރައީސް ކުރެއްވި ޒިޔާރަތެއްގެ މަގުސަދު އޮޅުވާލައި، ފަތުރަނީ ދޮގުވާހަކަތަކެއް!

އައިޖީއެމްއެޗަށް ރައީސް ކުރެއްވި ޒިޔާރަތެއްގެ މަގުސަދު އޮޅުވާލައި، ފަތުރަނީ ދޮގުވާހަކަތަކެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، އައިޖީއެމް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގެ އަސްލު މަގުސަދު އޮޅުވާލައި، އެއީ މާލޭގައި މިދާކަށް ދުވަހު ޖިންސީ ގޯނާ ލިބުނު 24 އަހަރުގެ އަންހެންމީހާއަށް ކުރެއްވި ޒިޔާރަތެއް ކަމަށް ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރަމުން އެބަދެއެވެ. ނަމަވެސް، އެ ދެކަނބަލުން ހޮސްޕިޓަލަށް ވަޑައިގެންނެވީ އެހެން ބޭނުމެއްގައި ކަމާއި، ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެންމީހާއާ ބައްދަލުކުރައްވާފައި ނުވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

މި ދޮގު މައުލޫމާތު ފެތުރުމުގެ އިސް ދައުރެއް އަދާކުރަމުން އަންނަނީ 'ހަސަން ކުރުސީ' ގެ ނަމުގައި ހިންގާ ކާކުކަން ނޭނގޭ ސޯޝަލް މީޑިއާ އެކައުންޓަކުންނެވެ. މި އެކައުންޓުން ވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެންމީހާގެ އައިޑެންޓިޓީ ހާމަވާފަދަ ގިނަ މައުލޫމާތުތަކެއް ވެސް އާންމުކޮށް، އޭނާ އިތުރަށް ވިކްޓިމައިޒްކޮށްފައެވެ.

މީގެ އިތުރުން، އެ ހާދިސާއާ ގުޅުވައި ސިޔާސީ އެކި ފަރާތްތަކަށް ތުހުމަތުކޮށް، ފަހުން އެ ވާހަކަތައް ބަދަލުކުރުންފަދަ ކަންކަންވެސް އެ އެކައުންޓުން ދަނީ ކުރަމުންނެވެ.

ރައީސްގެ ދެކަނބަލުން މިމަހުގެ 17 ވަނަ ދުވަހުގެރޭ އައިޖީއެމްއެޗަށް ވަޑައިގެންނެވުމުގެ ހަގީގީ ބޭނުމަކީ، ރައީސް އޮފީހުގެ މިނިސްޓަރ ޢަބްދުﷲ ނާޞިރު (އައްޅޮބެ) ގެ މަންމައަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އެކަމަނާއަށް ޒިޔާރަތް ކުރެއްވުމެވެ.

މި މައްސަލައިގެ ފެށިގެން އައީ، މި މަހުގެ 16 ވަނަ ދުވަހު މާލޭގެ މަގުމަތިން 24 އަހަރުގެ އަންހެނަކު ފުލުހުންގެ އެހީއަށް އެދުމުންނެވެ. ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސް، ހެދި ޓެސްޓުތަކުން ޖިންސީ އަނިޔާ ލިބިފައިވާކަން ކަށަވަރުވުމާ ގުޅިގެން، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި މިއީ 'ގޭންގް ރޭޕެއް' ކަމަށް ބުނެ ވާހަކަ ދެކެވުނު ނަމަވެސް، ފުލުހުން މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، އަނިޔާ ލިބުނު ފަރާތަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މިފަދަ ނާޒުކު މައްސަލަތަކުގައި ޝިކާރައަކަށްވި ފަރާތުގެ ކަރާމާތަށް އުނިކަން ނާންނާނެހެން، އޭނާގެ އައިޑެންޓިޓީ އާއި ގުޅޭ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.