ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގޫގުލްގެ ކޭބަލް ސްޓޭޝަނަށް އައްޑޫއިން ބޮޑު ބިމެއް: ޝަރުތަކީ ބިމުގެ އާމްދަނީ ކައުންސިލަށް ލިބުން

އައްޑޫ ސިޓީ ހިތަދޫ
އައްޑޫ ސިޓީ ހިތަދޫ

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި "ގޫގުލް" އިން ރާއްޖޭގައި ގާއިމްކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަންގެ މަސައްކަތަށް އައްޑޫ ސިޓީ ހިތަދޫއިން 15,000 އަކަފޫޓުގެ ބިމެއް ދޫކުރުމަށް އެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ނަމަވެސް ކައުންސިލުން މިކަމަށް ރުހުން ދީފައިވަނީ، އެ ބިމުން ލިބޭ މާލީ މަންފާ ނުވަތަ އާމްދަނީ ސީދާ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޝަރުތުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވީ، މި މަޝްރޫއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ ހިއްކި ސަރަހައްދުން ހައުސިންގ މިނިސްޓްރީއަށް ރަޖިސްޓްރީކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން، އެ ބިމުގެ ރަޖިސްޓްރީ އެ މިނިސްޓްރީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މި ބިން ބޭނުންކުރަނީ ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަން އެޅުމަށްކަން ރަސްމީކޮށް ކައުންސިލަށް އަންގާފައި ނުވިޔަސް، ނުރަސްމީކޮށް އެކަން އެނގިފައިވާކަމަށް ކައުންސިލަރު ޝިނާޒު ވިދާޅުވިއެވެ. އެހެންކަމުން، އައްޑޫގެ ރައްޔިތުންނަށް އެކަމުގެ ސީދާ ފައިދާއެއް ނުވާގޮތަށް އަގުބޮޑު ބިމެއް ދޫކޮށްލުމަކީ ކައުންސިލުން ބޭނުންވާ ގޮތް ނޫންކަމަށްވުމާއެކު، ކޮމިޓީން ނިންމީ ބިމުގެ އާމްދަނީ ކައުންސިލަށް ލިބޭ ގޮތަށް ބިން ދޫކުރުމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ވިދާޅުވީ، ގޫގުލްއަށް ދޫކުރާ 15,000 އަކަފޫޓުގެ ބިމަކީ ވިޔަަފާރީގެ ނަޒަރަކުން ބަލާއިރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް އުފެއްދިދާނެ އަގުހުރި ބިމެއް ކަމަށެވެ. އެހެންކަމުން އެހާ ބޮޑު މާލީ މަންފާއެއް ލިބެން އޮތް ވަސީލަތެއް، ސިޓީގެ ތަރައްގީއަށް އެ ފައިސާ ނުލިބޭ ގޮތަށް ދޫކޮށްލުމަކީ ފެންނަ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ މެމްބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، އިއްޔެގެ ޖަލްސާގައި ވަނީ ގޫގުލްގެ ޕްރޮޖެކްޓަށް ބިން ދޫކުރުމަށް ފާސްކޮށްފައެވެ. ނަމަވެސް އެ ނިންމުން ނިންމާފައިވަނީ ބިމުން ލިބޭ ކުލި ނުވަތަ އާމްދަނީ ކައުންސިލަށް ޖަމާވާން ޖެހޭނެ ކަމަށް ކަނޑައެޅުމަށްފަހުގައެވެ.

ގޫގުލް އިން ރާއްޖޭގައި މިފަދަ ސްޓޭޝަނެއް ގާއިމްކުރުމަށް ނިންމިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ފަހިވެގެން ދިޔަ ފުރުސަތެކެވެ.