ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ފަހިކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް: ފަސްޓް ލޭޑީ

ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ފަހިކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް: ފަސްޓް ލޭޑީ

ރާއްޖޭގެ ކުޑަކުދިންނަށް އުފާވެރި މާޙައުލަކާއި ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށް ހިންގާ މަސައްކަތްތައް އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ދެއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށް، އެކުދިން ކުރާ ޚިޔާލާއި އުންމީދުތައް ޙަޤީޤަތަކަށް ހެދޭނެ ފުރުޞަތުތައް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ ކޮންމެ ކުއްޖެއްގެ ވާހަކަވެސް އަޑުއަހައި، އެކުދިންނަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިވާންޖެހޭ ކަމަށެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރެވިފައިވާ ރައްކާތެރި މުޖުތަމަޢެއް ޤާއިމުކޮށް، އެކުދިންނަށް އުފާވެރި މާޙައުލެއް ޤާއިމުކޮށް، ކޮންމެ ކުއްޖަކަށްވެސް ފުރުޞަތުތައް ހޯދައިދޭން މަސައްކަތްކުރަންޖެހެއެވެ.

ފަސްޓް ލޭޑީ ވިދާޅުވީ މިއަދަކީ ކުޑަކުދިންގެ ވާހަކަތައް އަޑުއަހައި، އެކުދިންގެ ބޭނުންތައް ފުއްދައިދިނުމަށް ޢަޒުމު ކަނޑައަޅަންޖެހޭ ދުވަހެއް ކަމަށެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އދ.ގެ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ކޮންވެންޝަނަށް ޢަމަލުކުރަން ފެށި ދުވަސް ފާހަގަކުރުމުގެ ގޮތުގައެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، ކުރިއަރާ ދާން ބޭނުންވާ ކަންކަމުގައި އެކުދިންނަށް ފުރުޞަތުތައް ހޯދައިދިނުމެވެ.