ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ އައު ޓާމިނަލުން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި‏

ވީއައިއޭގެ އައު ޓާމިނަލުން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި‏

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ‏‏ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ, ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފިއެވެ‏‎.‎

‏ޓާމިނަލް 1 އިން ކޮންޑޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ‏‏ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ‏‏ޑިރެކްޓަރު މުޖުތަބާ ޖަލީލުއެވެ.‏

‏ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ ‏‏އޭޝިއާ އަދި އިންޑިއަން އޯޝަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ރީޖަނަލް މެނޭޖަރު ރޮން ޕްލެން އަދި އެމްއޭސީއެލްގެ ‏‏އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ‏‎.‎

‏މިއަދުގެ ރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 302 ‏‏ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް, ‏DE2320‎‏ އިން ‏‏ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ‏‎.‎

‏ކޮންޑޯ އިން ރާއްޖެއަށް ދަތުރުތައް ފެށީ ‏‎31‎‏ އޮކްޓޫބަރު ‏‎1981‎‏ ގައެވެ. މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ‏‏ފެށި ޖަރުމަނުގެ ފުރަތަމަ އެއާލައިނެވެ.‏

‏ކޮންޑޯ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 26 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ ‏‏އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ‏‏ފޯރުކޮށްދިނުމެވެ.‏