އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް: މ އަތޮޅު ފައިނަލް މާދަމާ، ކެޕްޓަން ކެރިކްގެ ހުރިހާ ވެސް އުއްމީދަކީ މުލަކަށް ތަށި ހޯދައިދިނުން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އެޓޯލް ޗެމްޕިއަންޝިޕްގެ މ އަތޮޅު ފައިނަލް މެޗު މާދަމާ ކުޅޭނެއެވެ.
މި މުބާރާތުގައި މ އަތޮޅުން ބައިވެރިވެފައިވަނީ މުލަކާއި، އެއަތޮޅު ވޭވަށެވެ. މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވަނީ 2 ލެގެވެ. ފުރަތަމަ ލެގު ވޭވަށުގައި ކުޅުނު އިރު މިމެޗު ނިމުނީ ދެޓީމް 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން މާދަމާގެ މެޗުން މޮޅުވާ ބަޔަކަށް މ އަތޮޅުގެ ޗެމްޕިއަންކަން ލިބޭނެއެވެ.
މިމެޗަށް ނިކުންނަ އިރު މުލަކުގެ ކެޕްޓަން އަހުމަދު ލަތީފް ކެރިކްގެ ހުރިހާ ވެސް އުއްމީދަކީ ރަށަށް ތަށި ނަގައިދިނުމެވެ. މުލަކަކީ ދިވެހި ފުޓްބޯޅައިގެ ނަގާ ކިޔާލެވޭ އެއްރަށެކެވެ. ވަކިން ހާއްސަކޮށް ޒޯން 5 ގެ ފޭވަރިޓަކީ މުލަކެވެ. ކުރީގެ އަތޮޅު މުބާރާތް ތަކާއި ޒޯން މުބާރާތްތައް ވަނީ މިލްކުކޮށްފައެވެ. އެހެން ކަމުން މި ކާމިޔާބީތައް ތަކުރާރުކޮށް އަލުން އަނބުރާ ފުޓުބޯޅައިގެ ފޯރި ރަށަށް ގެނައުމެވެ.
Ads by BML
މާދަމާގެ މެޗާއި ގުޅިގެން ޖީލަށް މައުލޫމާތު ދެއްވަމުން ކައުންސިލް ނައިބު ރައީސް ހުސެއިން ރަޝީދު ވިދާޅުވީ މާދަމާގެ މެޗަށް މުޅި ރަށް އޮތީ އެއްރޫހެއްގައި ކަމަށާއި މެޗުން މޮޅުވުމަށް ހުރިހާ ރައްޔިތުން އެދޭކަމަށެވެ. އަދި ފުޓުބޯޅައިގެ ސަރަހައްދީ ރަސްގެފާނަކީ މުލަކު ކަމަށާއި އެ ކާމިޔާބީ އަލުން އިޔާދަކުރަން ބޭނުންވާ ކަމަށެވެ. ޓީމް އޮތީ ބަދަހިކޮށް ކަމަށާއި ޓީމްގެ ކެޕްޓަން ކެރިކަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ކެރިކްގެ ތަޖުރިބާއާއިއެކު ޓީމް އޮތީ މޮޅުވުމުގެ ރޫހުގައި ކަމަށެވެ.
މުބާރާތާއި ދޭތެރޭ ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައަށް ދިރުން ގެނައުމަށް އެފްއޭމުން ރާވައި ހިންގާ މުހިންމު މުބާރާތެއް ކަމަށެވެ. ވަކިން ހާއްސަކޮށް މި ފަހުން އެކުލަވާލެވުނު އެކްސްކޯއަށް ޝުކުރު ހައްގު ކަމަށާއި ދިވެހި ފުޓްބޯޅައަށް ދިރުން އަންނަތަން ފެންނަމުންދާ ކަމަށެވެ.
މާދަމާ ހަވީރު މުލަކު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެވޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ.
Ads by MACL
