ދިވެހި ފިލްމު "ލިލީ" ރޭ ޕްރިމިއަރ ކޮށްފި: ޒަމާނީ ދިވެހި ސަގާފަތުގެ ރީތިކަން ފެނިގެންދިޔަ ހަފްލާއެއް
ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ފަހުގެ އުފެއްދުން، "ލިލީ" ގެ ޕްރިމިއަރ ނައިޓް ވަރަށް ކުލަގަދަ ގޮތެއްގައި ބާއްވައިފިއެވެ. "ޒަމާނީ ދިވެހި ސަގާފަތް" ގެ ތީމްގެ ދަށުން ބޭއްވުނު މި ހަފްލާގައި، ފިލްމީ ތަރިންނާއި، އުފެއްދުމުގެ މަސައްކަތްކުރި ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ފިލްމު ބެލުންތެރިން ވަނީ ބައިވެރިވެފައެވެ.
ޕްރިމިއަރ ނައިޓްގެ ރެޑް ކާޕެޓްގައި، ހަފްލާއަށް ހާޒިރުވި ގިނަ ބަޔަކު ފެނިގެންދިޔައީ ދިވެހި ސަގާފީ ހެދުމާއި، ޒަމާނީ ފެޝަން އެއްކޮށްލައިގެން ތިބެއެވެ. ހަފްލާގެ ހޯސްޓް ވަނީ ރެޑް ކާޕެޓަށް ހާޒިރުވި ބައެއް ފަރާތްތަކާ ބައްދަލުކޮށް، ފިލްމާ ބެހޭގޮތުން އެމީހުންގެ ހިޔާލު ހޯދާފައެވެ.
ފިލްމު ބެލުމަށް އައި ލަމް ބުނީ، އޭނާގެ ވަރަށް ޚާއްސަ މީހެއް ކަމަށްވާ އައިޝާ މި ފިލްމުން ފެނިގެންދާތީ އޭނާ ވަރަށް އުފާވާ ކަމަށާއި، ފިލްމަށް އިންތިޒާރުކުރާ ކަމަށެވެ. ހަމަ އެހެންމެ، ޝާރިހް އާއި އިއްމާ ވެސް ވަނީ ފިލްމުގެ ޓްރެއިލާއިން ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަށާއި، ފިލްމުގެ ސްޓައިލް ތަމަޅަ ފިލްމުތަކާ އެއްގޮތްކަމަށް ފާހަގަކޮށް، ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ބުނެފައެވެ.
Ads by BMLޑައިރެކްޓަރ އަޒްހާން އިބްރާހިމްގެ މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހިންނަވަރުގައެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އައިޝާ، ޝާރިހް، އިޝްފާން، ޝިމީ، ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގް، އަރީފާ، ވަހީދު، ވަހީދާ، އަލީޝާ އަދި ޚަދީޖާ ހިމެނެއެވެ.
ފިލްމުގެ ސިނަމެޓޮގްރަފީއަކީ ސަމާހް އިބްރާހިމްގެ މަސައްކަތެކެވެ. މޭކަޕް އަދި ހެއަރ ޑިޒައިން ކޮށްފައިވަނީ ޖަސްޓިން އެވެ. އަދި ކޮސްޓިއުމް ޑިޒައިން ކޮށްފައިވަނީ އަޒްހާން އިބްރާހިމް އާއި އަހުމަދު ވަހީދު އެވެ.
ފިލްމު ދެއްކުމުގެ ކުރިން، ބޮޑުބެރާއި ނެށުމުގެ ހަރަކާތެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ހަފްލާ ނިންމާލާފައިވަނީ ފިލްމުގެ ކާސްޓުންނާއި، މަސައްކަތްކުރި ފަރާތްތައް އެކުގައި ގޮސް ފޮޓޯ ނެގުމަށްފަހުގައެވެ. "ލިލީ" އަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ގެނެސްދޭނެ މުޅިން އާ ތަފާތު ރަހައެއް ކަމަށް ގިނަ ބަޔަކު ދެކެމުންދާ ފިލްމެކެވެ.
Ads by MACL
