ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިފި

ޚާއްސަ އެހީއަށް ބޭނުންވާ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިފި
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމް.ޕީ.އެލް) އިން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 40 ވަޒީފާގެ ފުރުސަތު ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާއެއްގައި ވަޒީފާ ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދިއުމަކީ އިންސާނީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަކީ އެފަރާތްތަކަށް އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކޮށްދިނުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
މި 40 ވަޒީފާގެ ތެރެއިން 35 ފަރާތަކަށް ވަޒީފާގެ ފުރުސަތު ލިބިފައިވާއިރު، މި ވަޒީފާތަކަކީ އެމް.ޕީ.އެލްގެ ހެޑް އޮފީހާއި، އެކި ޕޯޓްތަކުގައި ހުންނަ ވަޒީފާތަކެކެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އެމް.ޕީ.އެލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގެ އިތުރުން، އެފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ދިމާވާނެ ގޮންޖެހުންތައް ހައްލުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނެރުނު ޕްރެސް ރިލީޒްގައި ވިދާޅުވިއެވެ.
އެމް.ޕީ.އެލްގެ އެކި ދާއިރާތަކުގައި މިހާރު ވެސް ޚާއްސަ އެހީއަށް ބޭނުންވާ 32 ފަރާތެއް މަސައްކަތް ކުރަމުންދާއިރު، މި ފަރާތްތަކުން 10 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ދީފައިވާ ކަމަށް ވެސް ޕްރެސް ރިލީޒްގައި ބަޔާންކޮށްފައިވެއެވެ.