މި އަހަރު މިހާތަނަށް 10 މީހަކަށް ބޯންމެރޯ ފަރުވާ ދިނުމަށް 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްފި
ނޭޝަނަލް ޕްރޮޓެކްޝަން އެންސްޕާ (އެންސްޕާ) އިން ބޯންމެރޯ ފަރުވާ ހޯދުމަށް ޒަކާތު ފަންޑުން ޚަރަދުކޮށްފައިވާ މިންވަރުގެ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް (2025) 10 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ޖުމްލަ 1،513،821.06 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މި ފައިސާ ޚަރަދުކޮށްފައިވަނީ، ޞިއްޙީ ޚިދުމަތް ދިނުމާ ބެހޭ ވުޒާރާ (ހެލްތު މިނިސްޓްރީ) އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ (އިސްލާމިކް މިނިސްޓްރީ) ގުޅިގެން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ރާއްޖެއިން ބޭރުން ބޯންމެރޯ ފަރުވާ ހޯދުމަށް ފޮނުވާ ފަރާތްތަކުގެ ޚަރަދުތަކަށެވެ.
އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ ފާއިތުވި ދެ އަހަރާ އަޅާބަލާއިރު އަދަދަކީ ކުޑަ އަދަދެއް ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 10 ތެލެސީމިއާ ބަލި މީހަކު މި ފަރުވާއަށް ފޮނުވުމެވެ.
ފާއިތުވި އަހަރުތަކުގެ ޚަރަދުތައް
-
2024 ވަނަ އަހަރު: 9 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖުމްލަ 7،303،110.34 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
-
2023 ވަނަ އަހަރު: 5 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖުމްލަ 3،851،946.62 ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވެއެވެ.
ތެލެސީމިއާ ބަލި މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކަށް ޙައްލެއް ހޯދުމުގެ ގޮތުން، މި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 10 މީހަކު ބޯންމެރޯ ފަރުވާއަށް ފޮނުވުމެވެ. މިގޮތުން، މި އަހަރު މިހާތަނަށް 10 ފަރާތް ވަނީ މި އެހީގެ ދަށުން ފަރުވާ ހޯދާފައެވެ.
Ads by MACL
