އިސްލާމީ ދާއިރާއިން ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ކުރިއަށް އެބަދެ: ވަޒިރު ޑރ. ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްގެންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްނިއުސްގެ ހަފްތާ 104 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި ވަޤުފު އިމާރާތްތަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނޭހެން ބިލިޔަން ރުފިޔާގެ މަޝްރޫޢު މިހާރުވެސް ކުރިއަށްދާކަމަށެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މިވީ ދެ އަހަރުގެ ތެރޭގައި 9 އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަތޮޅުތަކުގައި ތަރައްޤީކުރުމުގެ 5 މަޝްރޫޢުއެއް ފަށާފައިވާއިރު، އަމިއްލަ ފަރާތްތަކުން ބިނާކުރާ މިސްކިތްތަކުގެ އިތުރުން ސަރުކާރުން ބިނާކުރާ މިސްކިތްތަކުގެ 44 މަޝްރޫޢުއެއް ކުރިއަށްދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ތަރައްޤީކުރުމަކީ ރައީސްގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައްވެސް ތަރައްޤީކުރަނީ ކިޔަވައިދިނުމަށް ކްލާސްރޫމްތަކާއި ލައިބްރަރީތައްވެސް ހިމެނޭގޮތަކަށްކަމަށެވެ.
"އޭގެ އިތުރުން އަމިއްލަ ފަރާތްތަކަށް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތައްވެސް ކުރިއަށްދޭ. ޚާއްސަކޮށް މާލެ ސަރަޙައްދުގައި ހުރި ބާ މިސްކިތްތައް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ގާތްގަނޑަކަށް 3 އަހަރުގެ ތެރޭގައި މި ސަރަޙައްދުގައި ބާ މިސްކިތްތަކެއް ނުހުންނާނެ. މުޅިން ހުންނާނީ އެންމެ ޒަމާނީ މިސްކިތްތައް،" ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ވަޤުފުގެ މަޝްރޫޢުތަކަކީ އިސްލާމީ އުންމަތަށް ވަރަށް މުހިއްމު މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އިސްލާމީ ޙަޟާރާތް އެކި ގޮތްގޮތުން ކުރިއެރުވުމަށްޓަކައި ވަޤުފުއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރި އެއްޗެއްކަމަށެވެ.
މާލޭ ސަރަޙައްދުގައި ވަޤުފުގެ 4 މަޝްރޫޢުއެއް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމްއާއި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތުގެ އިތުރަށް ހުޅުމާލޭގައި ތަރައްޤީކުރާ ދާރުލްސަލާމް ވަޤުފު އިމާރާތް ހިމެނެއެވެ.
މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ވަޤުފު މަޝްރޫޢުތަކުގެ އިތުރަށް އަތޮޅުތަކުގައިވެސް ވަޤުފުުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އަތޮޅުތެރޭގައި ތަރައްޤީކުރާ ވަޤުފު މަޝްރޫޢުއިން ލިބޭ ނަފާ އެ އަތޮޅަކަށް ނުވަތަ އެ ސިޓީގެ ދީނީ ކަންކަމަށް ޚަރަދުކުރުމަށް ކައުންސިލްތަކާ ހަވާލުކުރާނެކަމަށެވެ.
ރާއްޖޭގައި ގިނަ މިސްކިތްތަކެއް ހުރިއިރު، އެ މިސްކިތްތަކަށް ޚަރަދުކުރުމަށް ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މިފަދަ މަޝްރޫޢުތަކުން ލިބޭ ފައިދާއިން ޚަރަދުކުރުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒެއްކަމަށް ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
Ads by MACL
