ޓޫކިލޯގެ ގޯލާއިއެކު އއ އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫއިން ހޯދައިފި
ރާއްޖެއަށް އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގޯލު ޖެހި މުޚްތާރު ނަސީރު( ޓޫކިލޯ) ގެ ގޯލާއިއެކު އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ އއ އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫއިން ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗް ތޮއްޑޫ ސްޕޯޓްސް ކްލަބް ކާމިޔާބުކުރީ އުކުޅަހު ފުޓްބޯޅަ ޓީމުގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދައިގެންނެވެ.
މި މެޗްގައި އުކުޅަހު ޓީމުގެ 2 ކުޅުންތެރިޔަކަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
Ads by BMLއެ ޓީމުގެ ކީޕަރު އޭރިޔާތެރެއިން ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު ބަދަލު ކީޕަރެއްގެ ގޮތުގައި ކުޅެން ނުކުތް ކުޅުންތެރިޔާ މެޗުތެރެއިން ރެފްރީއާ ދިމާއަށް ބުނި އެއްޗަކާ ގުޅިގެން ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މެޗްގެ ފަހު 10 މިނެޓް އުކުޅަހު ޓީމުން މެޗް ފުރިހަމަ ކުރަން ޖެހުނީ 9 ކުޅުންތެރިންނާއެކުއެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތޮއްޑޫ ޓީމަށް ފުރަތަމަ ލީޑް ހޯދައިދިން އަހުމަދު ޝަމީމްއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުކުޅަހު ޓީމަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކުރި ޝިރުހާނުއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތޮއްޑޫ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އިބްރާހިމް އުޝާމަތުއެވެ.
ޗެމްޕިއަން ތޮއްޑޫއަށް ޓްރޮޕީ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހިމް ( ކައްޕި ) އެވެ.
ބީ.އެމް.އެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ ނަމުގައި އެފް.އޭ.އެމް ގެ ފަރާތުން އަތޮޅު ތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި 14 އަތޮޅަކުން ބައިވެރިވެފައިވެއެވެ. މިއީ އެފް.އޭ.އެމް އިން މިގޮތަށް ބޭއްވާ ފުރަތަމަ މުބާރާތެވެ.
ބައެއް އަތޮޅު ތަކުގެ އެޓޯލް ޗެމްޕިއަންޝިޕްތައް މިހާރު ވަނީ ނިމި އަނެއްބައި އަތޮޅުތަކުގެ މުބާރާތް ވަނީ ފަށާފައެވެ.
ގޮތުން އއ އަތޮޅުގެ މުބާރާތް ވެސް 15 ނޮވެންބާރ ގައި ވަނީ ފަށާފައެވެ. މި މުބާރާތް 15 ނޮވެމްބަރުން 23 ނޮވެމްބަރުގެ ނިޔަލަަށް ކުރިއަށްދާނެއެވެ. އއ އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ، އއ ތޮއްޑޫ، އއ.ރަސްދޫ އަދި އއ.އުކުޅަސްއެވެ.
Ads by MACL
