މިއަހަރު ނިމުމުގެ ކުރިން 1 މިލިޔަން ގަސް އިންދައި ނިންމަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވާފައިވާ "ފަސް މިލިޔަން ގަސް" އިންދުމުގެ ޤައުމީ ބިޔަ މަޝްރޫޢުގެ ދަށުން، ހިނގަމުންމިދާ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އެއް މިލިޔަން ގަސް އިންދައި ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ދެއްވައިފިއެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ނެތެމުންދާ ގަސްތައް އާލާކުރުމަށް ފަށާފައިވާ މި މުހިންމު ޕްރޮގްރާމްގެ މަސައްކަތްތައް ވަރަށް ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށެވެ. މިގޮތުން މިހާތަނަށް މުޅި ރާއްޖެ ހިމެނޭހެން 819,000 ގަސް އިންދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޠާރިގް ވިދާޅުވި ގޮތުގައި މި މަޝްރޫޢު ފެށިއިރު އެންމެ ބޮޑު ގޮންޖެހުމަކަށްވީ ގަސް ހައްދާނެ އެކަށީގެންވާ ނާސަރީތަކެއް ޤާއިމުވެފައި ނެތުމެވެ. އެހެންނަމަވެސް، މިހާރު އެކަމަށް ހައްލު ހޯދައި، ނާސަރީތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާތީ، 2028 ވަނަ އަހަރާ ހަމައަށް ދާއިރު ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ފަސް މިލިޔަން ގަސް ހަމަކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BML"މި ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް، މިއަހަރު ނިމެންވާއިރަށް އެއް މިލިޔަން ގަސް އެއްކޮށް އިންދި ނިމިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ކާމިޔާބީގައި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރިސޯޓުތަކުން އެކަނިވެސް 1.4 މިލިޔަން ގަސް އިންދުމަށް ވަޢުދުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސް މިހާރު އިންދާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޝްރޫޢަށް ބޭނުންވާ ގަސް ހެއްދުމުގެ އިންތިޒާމުތައް ވަރުގަދަ ކުރުމުގެ ގޮތުން، ލ. ގަމުގައި ޚާއްސަ ދެ ނާސަރީއެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މި މަހު ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި 20,000 އަކަފޫޓާއި 100,000 އަކަފޫޓުގެ ނާސަރީއެއް ހިމެނެއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށްވެސް ވަނީ ތައްޔާރުވެފައެވެ.
މި ވަސީލަތްތައް ޤާއިމުވުމުން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް އިތުރު ދިރުމެއް ލިބި، އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
Ads by MACL
